ޕަރީފެންގަނޑަ ޕްލެޓްފޯމް ރަސްމީކޮށް ހުޅުވުން

ހައްދުންމަތީ ގަމުގައިވާ ހިމާޔަތްކުރެވިފައިވާ ޠަބީޢީ އަދި ސަގާފީ ތަރިކައެއްކަމުގައިވާ ބޮޑަފެންގަނޑަ ނުވަތަ މަޝްހޫރު ޕަރީފެންގަނޑަ ސަރަޙައްދުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއިން ކުރިޔަށް ގެންދިޔަ ޕަރީފެންގަނޑަ ޕްލެޓްފޯމް މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާ ރަސްމީގޮތުން ޕަރީފެންގަނޑަ ޕްލެޓްފޯމް މިއަދު ހުޅުވިއްޖެއެވެ. މި މަޝްރޫޢުގެ ދަށުން ތައްޔާރުކުރެވުނު ޕްލެޓްފޯމަކީ މިތަނުގެ ރީތި ވެށްޓާއި ޤުދުރަތީ ދިރުންތައް ބަލައިލުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު އަދި މާޙައުލަށް ނޭދެވޭ އަސަރު ނުކުރާ ގޮތެއްގައި ތަން ބަލައިލެވޭނެ ގޮތެއް ހެދުމުގެ މަޤްޞަދުގައި ބިނާކުރެވިފައިވާ ޕްލެޓްފޯމެކެވެ.
އެންދެރި ޕްރޮޖެކްޓްގެ ސްމޯލްގްރާންޓް ފަންޑުން މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ތަރައްޤީކޮށް ނިންމި މި ޕްލެޓްފޯމް ރަސްމީކޮށް ހުޅުވައިދެވީ މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސްއެވެ. ހުޅުވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަ ފުޅުގައި އަތޮޅުކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ ފާހަގަކުރެއްވި ގޮތުގައި މިއީ ލ. ގަމުގެ މި މުހިންމު ސަރަޙައްދު ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމުގެ މަސައްކަތުގެތެރެއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ.
ޕްލެޓްފޯމް ހުޅުވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް ވަނީ މި މަޝްރޫޢު ކާމިޔާބުކޮށް ނިންމާލުމަށް އެހީތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. އެގޮތުން މިމަޝްރޫޢަށް ފަންޑުކޮށްދެއްވި މިނިސްޓްރީ އޮފް ޓްއަރިޒަމް އެންޑް އެންވަޔަރަންމެންޓްގެ އިސްވެރިންނާއި އެންދެރި ޕްރޮޖެކްޓްގެ ޓީމަށާއި މި ޕްރޮޖެކްޓަށް އެހީތެރިވެދެއްވި ސިކްސް ސެންސަސް ލާމު ރިސޯޓާއި ފެޑޯ ޕވޓ ލޓޑ އާއި މަޝްރޫޢަށް ފުރިހަމަ އެއްބާރުލުމެއް ދެއްވި ލ. ގަމު ކައުންސިލް، ގަމު ވިމެންސް ޑެވެލޮޕްމަންޓް ކޮމިޓީ އާއި، ކޮންޓްރެކްޓަރުން، ވޮލަންޓިއަރުން އަދި މުޖުތަމަޢުގެ މެމްބަރުންގެ އެއްބާރުލުމާއި ދެއްވި ފުރިހަމަ އެހީތެރިކަމަކީ މި އުންމީދީ މަޝްރޫޢު ހަޤީޤަތަކަށް ބަދަލުވުމުގެ އަސާސްކަން ފާހަކުރެއްވިއެވެ. މި މަޝްރޫޢަށް އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް މި ރަސްމިއްޔާތުގައި ހަނދާނީ ފިލާ އެރުވުނެވެ.
މި މަޝްރޫޢުގެ ސަބަބުން ޕަރީފެންގަނޑަ ސަރަޙައްދުގައި މާޙައުލީ ހޭލުންތެރިކަން، ތަރިކައިގެ އަގުކުރުން އަދި ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަށް ގެންދިޔުމުގެ އާ ބާބެއް ފެށުމަށް މަގުފަހިވެގެންދާނެކަމަށް މި ޖަމިއްޔާއިން ދެކެމެވެ. އަދި މި އާ ޕްލެޓްފޯމަކީ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތަކަށް، އަދި ތަރިކަ ފަތުރުވެރިކަން ކުރިއަށް ގެންދިޔުމަށް މުހިންމު މަރުކަޒަކަށް ވާނެކަމަށް މި ޖަމިއްޔާއިން އުންމީދުކުރަމެވެ.
ޕަރީ ފެންގަނޑަ ޕްލެޓްފޯމް ޕްރޮޖެކްޓްގައި ހިމެނޭ ޕްލެޓްފޯމް ބިނާކުރުމުގެ އިތުރުން ޕަރީފެންގަނޑަފަދަ ޤުދުރަތީ ތަރިކަތަކާއި އެހެނިހެން ސަޤާފީ ތަރިކަތަކުގެ މައުލޫމާތު ދޭނެ ޓުއަރގައިޑުން ތަމްރީންކުރުމުގެ ޕްރޮގްރާމެއްވެސް މި ޖަމިއްޔާއިން ވާނީ ކުރިޔަށް ގެންގޮސްފައެވެ. މި މަޝްރޫޢަކީ ލާމު އަތޮޅުގައި ހިމާޔަތްކުރެވިފައިވާ ތަންތަނަށް ތައްޔާރުކުރެވުނު މެނޭޖްމަންޓް ޕްލޭންގައިވާ ކަންތައްތައް ތަރައްޤީކުރުމަށްޓަކައި އެންދެރި ޕްރޮޖެކްޓުން ދެއްވި ސްމޯލްގްރާންޓް ފަންޑުގެ ދަށުން މި ޖަމިއްޔާއަށް ލިބުނު ފަންޑުގެ ބޭނުންކޮށްގެން ކާމިޔާބު ކަމާއެކު ނިންމި މަޝްރޫޢެކެވެ.
