އެންދެރި ޕްރޮޖެކްޓްގެ ޔޫއެންއީޕީގެ ޓާސްކް މެނޭޖަރު ބައްދަލުކުރެއްވުން

އެންދެރި ޕްރޮޖެކްޓްގެ ޔޫއެންއީޕީގެ ޓާސްކް މެނޭޖަރު މިސް ކަވިތާ ޝަރުމާ 7-9 މެއި 2024 އަށް ލާމު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ތަރިކާ މަގަށާއި ލާމު ގަންގެ ތަރިކަ ސަރަހައްދުތައް ކަމަށްވާ ޕަރީފެންގަނޑަށާއި ހަތްތެއްޔަށް ޒިޔާރަތްކުރައްވައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ހަރަކާތްތަކާއި ލާމު އަތޮޅުގެ ލޯކަލް ކައުންސިލްތަކާއެކު އަޅުގަނޑުމެން ގުޅިގެން ހިންގާ ހަރަކާތްތަކާ ބެހޭ މައުލޫމާތު ހޯއްދެވިއެވެ.

 

ފޮނަދޫ އާސާރީ މިސްކިތާބެހޭ މައުލޫމާތު ބޯޑު ހަރުކުރުން

ހައްދުންމަތީ ފޮނަދޫގައި ހުންނަ އާސާރީ މިސްކިތާބެހޭ މައުލޫމާތު ބޯޑެއް އެ މިސްކިތުގެ ގޯތިތެރޭގައި ހަރުކުރުމުގެ މަސައްކަތް މި ޖަމިއްޔާއިން މިއަދު ވަނީ ނިންމާފައެވެ. މި މައުލޫމާތު ބޯޑު ބެހެއްޓިފައިވަނީ ލ.ފޮނަދޫ ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ. ދިވެހި ތާރީޚުގައި މަޝްހޫރު ފޮނަދޫ ދަންނަކަލޭގެފާނު ނުވަތަ އަލްޢައްލާމާ އަލްފަޤީޙް މުޙައްމަދު ސިރާޖުއްދީނުގެ ޒިޔާރަތް ހުންނަނީ މި މިސްކިތުގެ ގޯތިތެރޭގައެވެ.

 

ތާރީޚާއި ތަރިކައާ ބެހޭގޮތުން އައްޑޫ ހައި ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތު ދިނުން

ތާރީޚާއި ތަރިކައާ ބެހޭގޮތުން އައްޑޫ ހައި ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މި މަހުގައި ކުރިޔަށް ގެންދެވުނެވެ. މިއީ އެކުދިން މައިދާނީ ދަތުރެއްގައި ލާމު އަތޮޅަށް ޒިޔާރަތްކުރުމުން އެ ސްކޫލްގެ އެދިލެއްވުމަށް ހިންގުނު ސެޝަންތަކެެކެވެ.
ހައްދުންމަތީގައިހުރި އާސާރީ ތަންތަނާއި ޠަބީޢީ ތަރިކަތަކުގެ މައުލޫމާތުތައް މި ސެޝަންތަކުގައި ދެވިފައިވެއެވެ. އައްޑޫ ހައި ސްކޫލުގެ ގްރޭޑު 12ގެ ދަރިވަރުން، 22 އެޕްރީލް – 30 އެޕްރީލް 2024އަށް ހައްދުންމައްޗަށް ކުރި މި މައިދާނީ ދަތުރުގައި ގަމުގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން ގަމު ހަތްތެލި، ބުންބެރަ، އިހު މާމިސްކިތް، އަދި ޕަރީ ފެންގަނޑު ފަދަ ތަރިކަތައް ބަލައިލުމަށް ޒިޔާރަތްކޮށްފައިވެއެވެ.
މިފަދަ ތަރިކަތައް އަންނާން އޮތް ޖީލުތަކަށް ފެންނާނެހެން ހިމާޔަތްކޮށް ބެލެހެއްޓުމުގެ މުހިންމުކަމާއި އެތަންތަނަށް ޒިޔާރަތްކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާބެހޭގޮތުން ވެސް ދަރިވަރުންނަށް މައުލޫމާތުދެވިފައި ވެއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ގަމުގެ ތަރިކަތަކަށް ޒިޔާރަތްކުރެއްވުން

ފަތުރުވެރިކަމާއި ބެހޭ ވަޒީރު އޮނަރަބަލް އިބްރާހިމް ފައިސަލް މިއަދު ގަމުގެ ތަރިކަތަކަށް ޒިޔާރަތްކުރެއްވިއެވެ.
މި ޒިޔާރަތުގައި ގަމުގެ މުހިންމު ތަރިކަތައް ކަމުގައިވާ ޕަރީފެންގަނޑާއި ހަތްތެލި ސަރަޙައްދު ބައްލަވާލައްވައި ޕަރީފެންގަނޑާއި ހަތްތެލި ގުޅުވައިދިނުމަށް މި ޖަމިއްޔާއިން އިސްނަގައިގެން ހަދާފައިވާ ތަރިކަމަގު ބައްލަވާލެއްވިއެވެ.
ވަޒީރު މިތަންތަނަށް ޒިޔާރަތްކުރެއްވުމުން މި ޖަމިއްޔާގެ ފަރާތުން މިތަންތަނާ ބެހޭ ތާރީޚީ މަޢުލޫމާތާއި މި ތަންތަން ތަރައްޤީކުރުމަށް މި ޖަމިއްޔާއިން ހުށައަޅާ ކޮންސެޕްޓާ ބެހޭގޮތުންނާއި ޖަމިއްޔާގެ ހަރަކާތްތަކާ ބެހޭގޮތުން ވަޒީރަށް މަޢުލޫމާތު އަރުވާފައިވާނެއެވެ.

 

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި އައުޓްރީފް ސްޕޯޓްސް ކްލަބުން ގުޅިގެން މަސައްކަތްކުރުމަށް ފަހުމުނާމާގައި ސޮއިކުރުން.

ޤަައުމީ ތާރީޚު ދުވަހުގެ މުނާޞަބަތުގައި ބޭއްވި ޚާއްޞަ ބައްދަލުވުމުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި އައުޓްރީފް ސްޕޯޓްސް ކްލަބުން ގުޅިގެން މަސައްކަތްކުރުމަށް ފަހުމުނާމާގައި ސޮއިކުރުން.

ތަރިކަމަގާއި ގުޅިފަައިވާ ސަރަޙައްދު އިތުރަށް ތަރައްޤީކުރުމަށްޓަކައި ސާވޭކުރަން ފެށުން

ތަރިކަމަގާއި ގުޅިފަައިވާ ސަރަޙައްދު އިތުރަށް ތަރައްޤީކުރުމަށްޓަކައި ސާވޭކުރަން ފެށުން.
އަޅުގަނޑުމެންގެ މަސައްކަތުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ނިންމެވީތީ ފޯސައިޓް މޯލްޑިވްސްގެ ޑައިރެކްޓަރ ފިރުދައުސްއާއި ޓީމަށް ޝުކުރު ދަންނަވަން.

ހައްދުންމަތީ ގަމުގެ ހަތްތެއްޔާއި ޕަރީފެންގަނޑާއިި ތަރިކަމަގު ހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ހައްދުންމަތީ ގަމުގެ ހަތްތެއްޔާއި ޕަރީފެންގަނޑާއިި ތަރިކަމަގު ހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް “މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ” އާ ޙަވާލުކުރައްވައިފިއެވެ. މިއެއްބަސްވުމުގައި ސޮއި ކުރެވުނީ ގަމުކައުންސިލްގެ އިދާރާގައެވެ. މިއެއްބަސްވުމާ އެއްގޮތަށް އެ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމަށް މިޖަމިއްޔާގެ ފަރާތުން މުވައްޒަފުން ނަގައިގެން  މަސައްކަތްކުރެވޭނެއެވެ.

މަޝްހޫރު ޝާއިރާ އަލްމަރްޙޫމާ އައިމިނަތު ފާއިޒާގެ ދެކަނބަލުންގެ ހަނދާނުގައި އެދެކަނބަލުގެ ދަރިކަލުން ތަރިކަ މަގުގައި ގަސް އިންދެވުން

ދިވެހިންގެ މަޢުނަވީ ތަރިކައިގެ ތެރޭގައި ހިމެނޭ ޅެންވެރިކަމުގެ ދުނިޔޭގައި ޑޭޒީމަލުގެ ގޮތުގައި މަޝްހޫރުވި ޝާއިރާ އަލްމަރްޙޫމާ އައިމިނަތު ފާއިޒާ އާއި ދިވެހިދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ޚިދުމަތްތެރިއެއް ކަމުގައިވާ އަލްމަރްޙޫމް އަންވަރު ޙިލްމީގެ ހަނދާނުގައި އެދެކަނބަލުގެ ދަރިކަލުން އަލްފާޟިލް މުޙައްމަދު ޙިލްމީ ތަރިކަ މަގުގައި 2 ގަސް އިންދެވުން.
މުޙައްމަދު ޙިލްމީއަކީވެސް އެކި ރޮނގުރޮނގުން ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކުރެއްވި ޚިދުމަތްތެރިއެކެވެ.
ތަރިކަ މަގުގައި ގަސްއިންދެވުމުގައި އިސްނެންގެވީތީ އަޅުގަނޑުމެން ޝުކުރުދަންނަވަމުއެވެ.
ތަރިކަމަގު މަޝްރޫޢަކީ ލ.އަތޮޅު ކައުންސިލާއި ސިކްސް ސެންސަސް ލާމުގެ ސަސްޓެއިނަބިލިޓީ ފަންޑުގެ މާލީ އެހީތެރިކަމާއި ލ.ގަމުކައުންސިލްގެ އެހީތެރިކަމާ އެއްބާރުލުމާއެކު މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި އައުޓްރީފް ސްޕޯޓްސް ކްލަބު ގުޅިގެން ހިންގާ މަޝްރޫޢެކެވެ.
ގަސް އިންދުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށާއި ގަސް ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން މަރުހަބާ ދަންނަވަމުއެވެ.