ޒުވާނުންނަށް ތަރިކަ: އައްޑޫ ހައި ސްކޫލްގެ ދަރިވަރުންނަށް ސަގާފީ ތަރިކައާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

އައްޑޫ ހައި ސްކޫލްގެ ދަރިވަރުން ހައްދުންމައްޗަށް ކުރަމުންދާ ތައުލީމީ މައިދާނީ ދަތުރުގައި، ރާއްޖޭގެ ސަގާފީ ތަރިކައާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް މި ޖަމިއްޔާ އިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި ހަމަދު ސްކޫލް ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަން ބާއްވާފައިވަނީ ލ. ގަމުގެ އާސާރީ ސަރަޙައްދެއްކަމުގައިވާ “ހަތްތެލި” ސަރަހައްދުގައެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހިރާއްޖޭގެ މުއްސަނދި ތާރީޚާއި ސަގާފީ ތަރިކައަށް ލޯބިޖެއްސުމާއި، އާސާރީ ބިނާތަކުގެ މުހިންމުކަމާއި ޞައްޙަ މައުލޫމާތު އޮޅުންފިލުވައިދިނުމެވެ.
މި ސެޝަންގައި މައުލޫމާތު ދެއްވަމުން، ރާއްޖޭގެ ތާރީޚީ ތަންތަނާއި ބިނާތައް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ވަކިން ހާއްސަކޮށް، ގަމުގެ ހަތްތެލި ފަދަ އާސާރީ ތަންތަނަކީ ދިވެހިންގެ ޤަދީމީ ތާރީޚާއި އިސްލާމީ މަތިވެރި ހިދާޔަތަށް ދިވެހީން ބަދަލުވީގޮތުގެ ތާރީޚާއި ދިވެހީންގެ މަސައްކަތްތެރިކަމާއި ފަންނުވެރިކަން ހެކިކޮށްދޭ ދިރިހުރި ނިޝާންތަކެއްކަން ދަރިވަރުންނަށް ކިޔައިދީފައިވެއެވެ.
އައްޑޫ ހައި ސްކޫލްގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި މި ދަތުރަކީ، ފޮތްތަކުން އުނގަންނައިދޭ ފިލާވަޅުތައް އަމަލީ ގޮތުން ދެކެލުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުމަށް ކުރިއަށްގެންދާ ދަތުރެކެވެ. މިފަދަ ސެޝަންތަކުގެ ސަބަބުން ޒުވާން ޖީލަށް ރާއްޖޭގެ ތަރިކައާ މެދު އޮންނަ ހޭލުންތެރިކަން އިތުރުވެ، އެ ތަންތަން ރައްކާތެރިކުރުމުގެ ރޫހު އާލާވެއެވެ.
ޒުވާނުންނަށް ތަރިކަ މި ޝިޔާރުގެ ދަށުން 2022 އިން ފެށިގެން އިސްކޫލްތަކާއި ޔުނިވަރސިޓީ/ކޮލެޖްތަކުގެ ދަރިވަރުންނާއި ޒުވާނުންނަށް ތަރިކައާ ބެހޭގޮތުން މައުލޫމާތު ދީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި ޖަމިއްޔާ އިން ދަނީ ރާއްޖޭން ބޭރުގެ ޔުނިވަރސިޓީ ތަކުގެ ދަރިވަރުންނާއި ރާއްޖޭގައި މަތީތައުލީމު ހާޞިލްކުރާ ދަރިވަރުންނާއި ސްކޫލްތަކުގެ ދަރިވަރުންނާއި ޒުވާނުންނަށް ސެޝަންތައް ހިންގަމުންނެވެ.
