މާލޭގެ އަންހެނުން އިނގިރޭސި ސަފީރާ ދެކޮޅަށް ކުރި މުޒާހަރާ (16 ނޮވެންބަރު 1962، ހުކުރު ދުވަސް)

ލިޔުނީ: އަޙުމަދުސާލިމް

“މިނިވަންކަން ލިބިފައިވަނީ ދިވެހި ރައްޔިތުންގެ ހިތްވަރާއި ޢަޒުމުން”، މި މަޢުޟޫޢުގައި ނ.ޢ.ޢ.ވ އޮނަރަބަލް ޢައްބާސް އިބްރާހީމް ލިޔުއްވާފައިވެއެވެ:

“އޭރު އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއްނެތެވެ. އަންހެނުންތައް އަތިރިމައްޗަށް މިއަންނަނީ ދޯނިފަހަރުގައި ދޫނިދޫ ކަރިއަށް ދާށެވެ. އިނގިރޭސި ސަފީރު ޑޭވީ ހުންނަވަނީ އެރަށުގައެވެ. ފަޅުތެރޭގައި ހުރި ދޯނިތަކަށްވެސް އަންހެނުން އަރަން ފަށައިފިއެވެ. އަދި ފަލިޖަހާފައި ނެރުތަކުން ބޭރަށް ދޯނިތައް ނެރެން ފަށައިފިއެވެ. އެންމެފުރަތަމަ ނުކުތީ ޖައްރާފު ދޯންޏެވެ…”

418225700 7739176052778995 6126919671503956329 N
މާލޭގެ އަންހެނުން އިނގިރޭސި ސަފީރާ ދެކޮޅަށް ކުރި މުޒާހަރާ (16 ނޮވެންބަރު 1962، ހުކުރު ދުވަސް)

އަދިވެސް ލިޔުއްވާފައިވެއެވެ:

“އަންހެނުންގެ މުޒާހިރާ ފެށުމާއެކު ނާޞިރު އަތިރި މާފަންނުގެއަށް ވަޑައިގަންނަވައިފިއެވެ. ޒަމާނަކީ މޯބައިލް ފޯނު ކީއްކުރަންތޯ؟ ވޯކީޓޯކީވެސް ގެންގުޅޭ ޒަމާނެއްނޫނެވެ. ވީމާ އަޅުގަނޑަށާއި ސައިކުރާ އިބްރާހީމް ނަޢީމަށް ޖެހުނީ ބައިސްކަލުގައި ފަހަރަކު މީހަކު ގޮސް ބޮޑު ކޯއްޓޭ ބުރުޒުގެ އިރުމަތިން ޚަބަރު ގެނެސް ދިނުމަށެވެ. އަންހެނުންގެ މުޒާހިރާ ތަރައްޤީވަމުން ދާގޮތް ބޮޑުވަޒީރަށް ދަންނަވަމުން ދިޔުމަށެވެ.

އެހިސާބުން އޭރުގެ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ ދަށުން ބޮޑުވަޒީރު ނާޞިރު އިމަރޖެންސީ ޙާލަތު އިޢުލާން ކުރައްވައިފިއެވެ. އަދި އިމަރޖެންސީ ޙާލަތުގެ ދަށުން ބޮޑުވަޒީރު ނެރުއްވި އަމުރަކީ އެވަގުތުން ފެށިގެން އެހެންގޮތަކަށް އަންގަންދެން، މާލޭގެ ފަޅުން ބޭރަށް ނުކުންނަ އެއްވެސް ދޯންޏެއްގައި ފިރިހެނަކު ހުރެގެން ނުވާނެކަމުގެ އަމުރެވެ. މުޒާހިރާއަކީ އަންހެނުންގެ މުޒާހިރާއަކަށްވާތީ ފިރިހެނުން އެކަމުގައި އެއްގޮތަކަށްވެސް ބައިވެރިވިޔަ ނުދިނުމުގެ ގޮތުންނެވެ”.

ނޯޓު: މި ލިޔުންކޮޅު އަޅުގަނޑު ނަކަލުކުރީ، އޮނަރަބަލް ޢައްބާސް އިބްރާހީމް އަޅުގަނޑާ ޙިއްޞާކުރެއްވި އެބޭފުޅާގެ އަތުލިޔުމަކުންނެވެ. އަދި “އާފަތިސް” ނޫހުގައި ވެސް މި މަޒުމޫނު ޝާއިޢުކުރެވިފައިވެއެވެ.

ޙާޖީ ބަންޑާރައިންގެ ޖިހާދު

ލިޔުނީ: ޢަބްދުﷲ ސަޢީދު

ޙާޖީ ބަންޑާރައިންނަކީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި ކީރިތި މަހާރަދުންނެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރީގެ ނަންފުޅަކީ މުޙައްމަދު މަނިކުފާނެވެ. އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނަށް ފަހު ރަސްކަންކުރެއްވީ މި ރަދުންނެވެ. ތާރީޚުގައި ޙާޖީ ބަންޑާރައިން އަދި ޝަހީދުކުޅަ ބަންޑާރައިންނަކީ ވެސް މި ރަދުންނެވެ. މި ރަދުން ރަސްކަން ކުރެއްވީ މީލާދީން 1766 އިން 1773 އަށެވެ. އެއީ ހިޖުރައިން 1180 އިން 1187 އަށެވެ.

ޙާޖީ ބަންޑާރައިންނަށް މަލާބާރީން (ހޮޅީން)ގެ ގުރާބުތަކެއް ރާއްޖެ ހިފަން އަންނަ ޚަބަރު ލިބިވަޑައިގަތީ ރޯދަމަހެއްގައި ރޯދަފުޅު ވީއްލަވަން އިންނަވަނިކޮށް ދެނަމާދު ދޭތެރޭގައެވެ. އެއީ ހިޖުރައިން 1184 ވަނަ އަހަރުގެ ރަމަޟާންމަހުގެ 11 ވީ ހޮނިހިރު ދުވަހެވެ. އެ ޚަބަރު ލިބިވަޑައިގެންނެވީ އޭގެ ދެ ދުވަސްކުރިން (ރަމަޟާންމަހުގެ 9 ވަނަ ދުވަހު) އެ ރަދުންގެ ދަރިކަނބަލަކު އަވަހާރަވެގެން އެކަމުގެ “މޮޅި ހާލުކޮޅުގައި” އިންނަވަނިކޮށް ކަމަށް ޣިޔާޘުއްދީން ރަދުން ލިޔުއްވާފައިވެއެވެ.

ރަދުންނަށް މަޢުލޫމާތު ލިބިވަޑައިގަތީ ހޮޅީންގެ 2 ގުރާބާއި، 4 ނަވާއި، 8 އޮޑި ކެލާކައިރިން ރާއްޖެ ވަދެގެން ދައްޕަރާ ދިމާއަށް ދަތުރުކުރާ ކަމަށެވެ. މި ޚަބަރު ލިބިވަޑައިގަތުމުން ހަނގުރާމައަށް ތައްޔާރުވެވަޑައިގަތުމުގެ މަސައްކަތްޕުޅު ރަދުން ފެއްޓެވިއެވެ. އަލްޤާޟީ ޙަސަން ތާޖުއްދީނުގެ “ތާރީޚު އިސްލާމި ދީބާ މަޙަލް” ގައި އޮތީ ދުޝްމަނުން އައީ 6 ނަވާއި، 9 އޮޑީގައި ކަމަށެވެ.

ދުޝްމަނުންނާ ދެކޮޅަށް ޙާޖީ ބަންޑާރައިން ޢަމަލީގޮތުން ހަގުބޭކަލެއްގެ ގޮތުގައި އަތްޕުޅުން ބަޑި ހިއްޕަވައިގެން ޖިހާދު ކުރެއްވިއެވެ. ފީސާ ބައްދަވައިގެން ކަނޑިއާއި ފިސްތޯލައާއި ލޮންސި ތައްޔާރުކުރައްވައި ބޮޑުބަޑިތަކަށް ބޭސް އަޅުއްވާ ހެއްދެވިއެވެ. ފީސާ ބެއްދެވުމަކީ ހަނގުރާމައިގެ ދަޚަނާކޮޅާއި ކަމަރުކޮޅު އުތުރުކުރެއްވުން ކަމަށް ބެލެވެއެވެ. މި ޖިހާދުގައި ދިވެހި ލަޝްކަރުގެ އެންމެ އިސްވެރިޔަކީ ޙާޖީ ބަންޑާރައިންކަމަށް ވިޔަސް ހަނގުރާމައިގެ ކޮމާންޑަރެއްގެ ގޮތުގައި އިސްކުރެއްވީ ދޮށީ ދަރިކަލުން އިބްރާހީމެވެ.

މި ޖިހާދަށް ޙާޖީ ބަންޑާރައިން ފެއްޓެވީ މާލޭގައި އޭރު ހުންނެވި ސައްޔިދު ބޭކަލަކު ލައްވައި ޞަލަވާތް ކިޔުއްވައި، ހަނގުރާމައިގެ ދިދަ ނެންނެގުމަށްފަހުގައެވެ. ވަކި ވަރަކަށް ދިދަ ނެންގެވުމަށްފަހު ދިދަ ހަވާލު ކުރެއްވީ އެ ސައްޔިދު ކަލޭގެފާނު އަރިހުގައި އުޅޭ ޢުމަރު ކިޔާ ޢަރަތްބަކާއެވެ. އޭނާ ދިދަ ނަގާ ޖެއްސުމުން އޮތީ ރަދުންނަށް ބައިޢަތު ހިފުމެވެ. ސައްޔިދު ކަލޭގެފާނު ގޮވާލެއްވިއެވެ. “ބަންޑާރައިން (ރަދުން) ވީއްލައިނުލައި (ދޫކޮށްނުލައި) އިސްލާމްދީނަށް ޓަކައި ސުވަރުގެ ވަންނާނީ ކޮން މީހަކު (ކާކު) ހެއްޔެވެ. ތިމަންނާ އަރިއަހު (ކައިރީގައި) ބުނާށެވެ.” މި ގޮވާލުމަށް އެ ތަނުގައި ތިއްބެވި ރަސްކަމުގެ ބޮޑުން ޙާޖީ ބަންޑާރައިންނަށް ބައިޢަތު ހިއްޕެވިއެވެ. އެއަށްފަހު ސައްޔިދު ކަލޭފާނު އަމުރު ދެއްވީމާ ޙާޖީ ބަންޑާރައިންގެ އަތްޕުޅުން ދުޝްމަނުންނަށް ހަމަލާދޭން އޮތް އެއް ބޮޑުބަޑިއަށް ލާަޖަހައި ނިވާލި އަޅުއްވައި ތައްޔާރީ ހާލަތަށް ގެންނެވިއެވެ. ބަޑީލާ ޖެހުމަކީ ބަޑީއަށް ބޭސް އަޅައި ހިމަ ދަގަނޑަކުން ގެންނެވުމެވެ. ނިވާލިއަކީ އުންޑަ ނާޅައި ބޮޑުބަޑި ޖަހާއިރު އުންޑައިގެ ބަދަލުގައި ލާ ބޮނޑިއެވެ.

ހޮޅީންގެ ލަޝްކަރު ރާއްޖޭގެ އެކި ތަންތަނުގައި ޖައްސަމުން މާލެއާ ހަމައަށް ފޯރީ ޛުލްޤަޢިދާމަހުގެ 28 ވީ އަންގާރަ ދުވަހުއެވެ. ދުޝްމަނުންގެ ލަޝްކަރު ދޫނިދުއާއި ވިހަމަނާފުށްޓާ ދޭތެރޭގައި ބަނދަރުކޮށް، ހުޅުލެއަށާއި ފުނަދުއަށް ފައިބާ ފަސްބާޑިޖެހިއެވެ. މާލެއަށް ހަމަލާދިނީ ފުނަދުއަށް ބަޑިތައް ބާލައިގެން އެ ރަށުގައި ތިބެގެންނެވެ. މާލޭއިން ދިފާޢުގައި ބަޑި ޖަހަމުން ދިޔައީ މާލޭގައި އޭރު ހަދާފައި ހުރި ބައެއް ބަޑި ބުރުޒުތަކުންނެވެ.

ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ވާގޮތުން މި ހަނގުރާމައިގައި ދުޝްމަނުން 597 އުންޑަ މާލެއަށް ފޮނުވާލިއެވެ. މާލެއިން ދުޝްމަނުންނާ ދެކޮޅަށް 245 ފަހަރު ބަޑިޖެހިއެވެ. ޣިޔާޘުއްދީން ރަދުން ލިޔުއްވާފައިވާ އަދަދުތަކަށް ބަލާއިރު 246 ވެއެވެ. އެއީ ބޮޑު ބުރުޒާއި މާފަތްވަރާއި ހަކުރަވަރުން ޖެހި 40 ބަޑިއާއި، ރަންޖެހި ގަނޑުވަރު ބުރުޒުން ޖެހި 98 ބަޑިއާއި، ނާނޭ ބުރުޒުން ޖެހި 63 ބަޑިއާއި، އޮއިކޮޅު ބުރުޒުންޖެހި 10 ބަޑިއާއި، އައު ބުރުޒުން ޖެހި 33 ބަޑިއާއި، ދުޝްމިނުން ވިލިނގިއްޔަށް ދެ ބައްތެލީގައި ދާން އުޅޭތީ ޢީދު މިސްކިތު ބުރުޒުން ބައްތެއްޔަށް ޖެހި 2 ބަޑިއެވެ.

ހަނގުރާމައިގެ ތެރޭގައި ޙާޖީ ބަންޑާރައިން ރައްޔިތުންނަށް ހިތްވަރު ދެއްވައި ވިދާޅުބަސްފުޅެއް އިއްވިއެވެ. އެ ބަސްފުޅަކީ ހޮޅީން ހުޅުލޭންނާއި، ފުނަދޫންނާއި އެ ބައިމީހުންގެ ހުރިހާ ނާޒޯންގުން (އުޅަނދުތަކުން) ބަޑިތަޅަމުން މާލެވަށައިގެން ރަށަށް އަރާން ވެސް އުޅޭނެއެވެ. އޭރުން އެއްވެސް މީހަކު ހޮޅީންގެ ގަދަކަމާމެދު ފިކުރު ނުކުރާށެވެ. މާތްރަސްކަލާގެ ކީރިތިކަމާއި ކުޅަދުންވަންތަކަން ހިތަށް އަރުވާށެވެ. ޣިޔާޘުއްދީން ރަދުން ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުން ތިބީ އެގޮތުގައެވެ.

މި ހަނގުރާމައިގައި ދުޝްމަނުން މާލެއަށް ދިން ޙަމަލާތަކުގައި ދެ އަންހެނަކާއި އެތަނުން އެކެއްގެ އުރުގައި އިން ކުޑަ ކުއްޖަކު ޝަހީދުވިއެވެ. މާލެއިން ދުޝްމަނުންނަށް ދިން ހަމަލާތަކުން ދުޝްމަނުންގެ އެކަކު މަރުވިއެވެ. އެމީހާ ވަޅުލީ ހުޅުލޭގައެވެ.

ރަމަޟާން މަސް ނިމުނުއިރު ދުޝްމަނުން މާލެއަކަށް ހަމަލާއެއް ނުދެއެވެ. އެހެންވެ މާލެއިން ވެސް ހަމަލާއެއް ނުދެއެވެ. ނަމަވެސް އެއްބަޔަކު އަނެއްބައެއްގެ އޮޑިފަހަރު ފަހައި ކަނޑުމަތީގައި ހަމަލާ ބަދަލުކުރިއެވެ. އެންމެފަހުން ދުޝްމަނުން ބަލިވެގެން ރާއްޖެ ދޫކޮށް ފުރީއެވެ. އެ މީހުންގެ ފަހަތުން ރާއްޖޭގެ ލަޝްކަރު ފޮނުވިއެވެ. އެ ލަޝްކަރުގައި ހިމެނުނީ ގުރާބަކާއި ދެ ބަނޑުއޮޑިއާއި، އަރުމާޒު އޮޑިއަކާއި، ރޯނުޖެހި ތިން މަސްދޯންޏެވެ.

ހޮޅީން ރާއްޖެ ހިފާނެކަމަށް ބަލައި އަލީރާޖާ ފޮނުވި ފަތާއި، ހަދިޔާއާއި އިނާމާއި ހަވާދު ހިފައިގެން އައި މަލިކު އޮޑިއެއް މާޅޮސްމަޑުލު ކިނޮޅޮހު ބޭރުގައި އޮތް ޚަބަރު ލިބިގެން އެ އޮޑިދޮށަށްގޮސް ދިވެހި ލަޝްކަރުގެ ބާރުގެ ދަށަށް އެ އޮޑި ގެނައެވެ. އެ އޮޕަރޭޝަންގެ ތެރޭގައި ބަޑިއެއް ފަޅައިގެންގޮސް ދިވެހި ލަޝްކަރުގެ ދެ ބޭކަލަކު ޝަހީދުވެ، އެއް ބޭކަލަކު ވަރަށް ބޮޑަށް ޒަޚަމުވިއެވެ.

މި ޖިހާދުން ނަޞްރުން ލިބުމާގުޅިގެން ފަނޑިޔާރު ތަކުރުފާނު ލައްވައި ދަރިކަލުންނަށް “އައްސުލްޠާނުލްޣާޒީ އިބްރާހީމް” މި ނަންފުޅު ދެއްވިއެވެ. އަދި ހޮޅީން އަތުން އެ އަހަރު އަތުލައިގެންނެވި ބައެއް ބަޑީގެ ހަރުތަކުގައި މި ދަރިކަލުންގެ ނަންފުޅު އެޅުއްވިއެވެ.

ރިފަރެންސް:

ޙަސަން ތާޖުދީން. (2020). ތާރީޚު އިސްލާމި ދީބާ މަޙަލް. ދިވެހިބަހުގެ އެކެޑަމީ.

މުޙައްމަދު ޣިޔާޘުއްދީން. (2011). ޙާޖީ ބަންޑާރައިންގެ ހަނގުރާމަ. ފަތްތޫރަ 378. 2-5

ޤައުމާއި ވަޠަނާއި ދައުލަތާއި ޤައުމިއްޔަތު

ލިޔުނީ:ޢަބްދުﷲ ސަޢީދު

ޤައުމާއި، ވަޠަނާއި، ދައުލަތާއި، ޤައުމިއްޔަތާއި ވަޠަނިއްޔަތަކީ ބޭރުގެ ބަސްބަހުން ދިވެހިބަހަށް ވަދެފައިވާ ލަފުޒުތަކެކެވެ. ނަމަވެސް ދިވެހީންގެ ތެރޭގައި މީގެ ބައެއް ލަފުޒުތައް މާނަކުރެވެނީ ބޭރުގެ ބަސްތަކުގައި މި ލަފުޒުތައް މާނަކުރެވޭ ގޮތަކަށް ނޫނެވެ. އަދި ދިވެހިބަސް ފޮތުގައި އޮންނަ މާނައާއި ދިވެހީންގެ ގިނަ ބައެއްގެ ހިތްތަކުގައި މިފަދަ ބައެއް ލަފުޒުތަކުގެ މާނަ އޮންނަ ގޮތް ވެސް ތަފާތުކަން ފާހަގަވެއެވެ.

ދިވެހިބަސްފޮތުގައި އޮންނަގޮތުން “ޤައުމު”ގެ މާނައަކީ ކަނޑައެޅިފައިވާ ވަކި ސަރަޙައްދެއްގައި އެއް ވެރިކަމެއްގެ ދަށުގައި އުޅޭ ބައެކެވެ. މާނައަކީ ދިވެހި ޤައުމަކީ ދިވެހީންނެވެ. މީހުންނެވެ. މި މާނަކުރުމަށް ބަލާއިރު “ޤައުމު” މާނަކޮށްފައި އެވަނީ އިނގިރޭސިބަހުގެ ނޭޝަން (Nation) ގެ މާނައިގައެވެ. ދިވެހީން ނޭޝަން (Nation) ގެ މާނައިގެ އިތުރުން، ކަންޓްރީ (Country) ގެ މާނައިގައި ވެސް ބޭނުންކުރަމުން އައީ ޤައުމެވެ.

ދިވެހިބަސްފޮތުގައި “ވަޠަން”ގެ އޮތީ ދެ މާނައެކެވެ. އެއް މާނައަކީ އެ މީހަކު ނިސްބަތްވާ ޤައުމެވެ. އަނެއް މާނައަކީ ތިމާ ރަށްވެހިވެފައިވާ ޤައުމެވެ. ބަސްފޮތުގައި ވަޒަން ނުވަތަ “ވަޠަން” މާނަކޮށްފައި އެވަނީ އިނގިރޭސިބަހުގެ ކަންޓްރީ (Country) ގެ މާނައިގައެވެ.

ނޭޝަން (Nation) ގެ މާނައިގައި ޤައުމު މާނަކުރަނީ އެ ބަޔަކު އެއްބައިވަންތަކުރުވާ ސިފަތަކަކާއެކުގައެވެ. މިގޮތުން އެއް ބަހަކާއި، އެއް ސަޤާފަތަކާއި، އެއް ތާރީޚަކާއެކު އެ ބަޔަކު ޤައުމަކަށް ވެއެވެ. ދިވެހީންނަށް ބަލާއިރު މި ސިފަތަކުގެ އިތުރުން ދިވެހީންނަކީ އެއް ދީނެއް ވެސް ހިއްސާކުރާ ބަޔަކަށްވީތީ ދިވެހީންގެ އެއްބައިވަންތަކަން އެހެން ބައެއް ޤައުމުތަކަށްވުރެ ވަރުގަދަވާނެއެވެ. މި މާނައިގައި ޤައުމު ވާނީ އަމިއްލަވަންތަ، އަމިއްލަ ކޮންޓްރޯލް އޮންނަ، ދިފާޢުވުމުގެ ޤާބިލުކަން ހުރި ބަޔަކަށެވެ.

ޤައުމުގެ މާނައިގައި ބޭނުންކުރާ ކަންޓްރީ (Country) އަކީ ޤައުމަކުން އެބައެއްގެ އަމިއްލަ ވެރިކަމެއް ކުރާ އެ ބައެއްގެ އަމިއްލަ ސަރަޙައްދެކެވެ. ޤައުމަކަށް ސަރަޙައްދީ ގޮތުން ލިބެން އޮތް އެންމެ ބޮޑު މިނަކަށް ހޯދުމާއި، އެބައެއްގެ ސަރަޙައްދެއްގެ ގޮތުގައި ވުޖޫދުގައި ބޭއްވުމަކީ ޤައުމެއްގެ ޠަބީޢަތެކެވެ.

ނޭޝަން (Nation) އާއި ކަންޓްރީ (Country)އަކީ ގުޅުންހުރި އަދި ބައެއް ފަހަރު އެއް މާނައެއްގެ ގޮތުގައި ބޭނުންކުރާ ދެ ލަފުޒެވެ. ނަމަވެސް މި ދެ ލަފުޒުގެ މާނަ ތަފާތެވެ. މައިގަނޑު ތަފާތަކީ ނޭޝަން (Nation) ޤައުމުގެ ރައްޔިތުންނަށް ނުވަތަ މީހުންނަށް ނިސްބަތްކުރުމާއި، ކަންޓްރީ (Country) ޤައުމުގެ ބިމަށް ނުވަތަ ސަރަޙައްދަށް ނިސްބަތްކުރުމެވެ.

ދައުލަތަކީ އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާގޮތުގެ މަތީން ވެރިކަމުގެ ބާރުތައް ހިންގާ ފަރާތްތަކާއި، އެންމެހައި ރައްޔިތުންނާއި، ސިޔާސީ ސަރަޙައްދާއި، މި ހުރިހާ ފަރާތްތަކަށް ޖުމުލަކޮށް ކިޔާ ނަމެކެވެ. ދައުލަތް، ސްޓޭޓް (State) ގެ މާނައިގައި އެއީ އެކެއް ނުވަތަ އެއަށްވުރެ ގިނަ ނޭޝަން (Nation) ތަކެއްގެ މައްޗަށް އޮންނަ ދައުލަތެވެ. ދައުލަތް ނޭޝަން-ސްޓޭޓް (Nation-State) ގެ ގޮތުގައި އާންމުކޮށް ބޭނުންކުރަނީ އެއް ނޭޝަން (Nation) އެއްގެ މައްޗަށް އޮންނަ ދައުލަތްތަކަށެވެ. ދައުލަތެއްގެ އަސާސީ ސިފައަކީ ސިޔާދަތީ ބާރު ނުވަތަ އަމިއްލަ ކަންކަން އަމިއްލައަށް ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވުމެވެ. ޤައުމުގެ ޝަރުޢީ ޙައްޤު ދެމެހެއްޓުމަށް ޓަކައި ބޭރުގެ ޤައުމުތަކުގެ ތެރެއިން ބޭނުންވާ ޤައުމުތަކަކާއެކު ރަހުމަތްތެރިކަމުގެ ގުޅުންތައް ޤާއިމުކޮށް، ޤައުމުގައި ޤާނޫނާއި ޤަވާޢިދުތައް ތަންފީޒުކޮށް، ދުޝްމަނުންގެ ކިބައިން ޤައުމު ދިފާޢުކުރުމުގެ ޤާބިލުކަން ލިބިފައިވުމެވެ.

ވަޠަނިއްޔަތު (Patriotism) އަކީ އެމީހެއްގެ ވަޠަނު ކަމަށްވާ ޤައުމާ މެދު އެމީހެއްގެ ހިތުގައި އުފެދިފައިވާ އާދަޔާޚިލާފު ލޯތްބާއި ވަފާތެރިކަމާއި އިޚުލާޞްތެރިކަމާއި ޤައުމުގެ މަސްލަހަތު އިސްކުރުމުގެ ޝުޢޫރެވެ. ވަޠަނިއްޔަތަކީ ޤައުމީލޯބި ނުވަތަ ޙުއްބުލްވަޠަން ނުވަތަ ވަޠަން ދެކެ ލޯބިވާ ލޯބިވުމެވެ.

ޤައުމިއްޔަތު ދިވެހި ބަސްފޮތުގައި މާނަކޮށްފައިވަނީ ތިން މާނައެއްގައެވެ. އެއް މާނައަކީ ތިމާގެ އަމިއްލަ ޤައުމާމެދު ހިތުގައި އޮންނަ ފަޚުރުވެރިކަމާއި ލޯބީގެ ޚާއްޞަ ޝުޢޫރެވެ. އަނެއް މާނައަކީ ޤައުމުވަންތަކަމެވެ. ތިންވަނަ މާނައަކީ ވަކި ޤައުމަކަށް ނިސްބަތްވާ ނިސްބަތްވުމެވެ. ޤައުމިއްޔަތު ދިވެހިބަސްފޮތުގައި މާނަކޮށްފައިވާ ގޮތަށް ބަލާއިރު ޤައުމިއްޔަތުގެ ރުކުންތައް ވާންޖެހެނީ ވަޠަންގެ ގިނަ ބަޔަކު ރުހޭ ނުވަތަ އެއްބަސްވާ ސިފަތަކަކަށެވެ. ބަސްފޮތުގައި ޤައުމިއްޔަތު އިނގިރޭސި ލަފުޒެއްކަމުގައި ބަޔާންކޮށްފައިވަނީ ނެޝަނަލިޒަމް (Nationalism) އެވެ. ނަމަވެސް ދިވެހީން ޤައުމިއްޔަތު މާނަކުރަމުން އައީ އެއަށްވުރެ މާ ފުޅާ މާނައެއްގައެވެ. ދިވެހީން، ޤައުމިއްޔަތު މާނަކުރަނީ ނެޝަނަލް އައިޑެންޓިޓީ (National Identity) ގެ މާނައިގައެވެ. އެއީ ދިވެހީންގެ ދިވެހިވަންތަކަމާއި، ދިވެހީންގެ އެކުވި ވިސްނުމުގައި އޮންނަ އެއްބައިވަންތަކަމާއި، ދިވެހީންގެ ދެމިއޮތުމުގެ ފިކުރެވެ.