Skip to content

En

ފޮނަދޫ އާސާރީ މިސްކިތް

Img 20210907 163228

ފޮނަދޫ އާސާރީ ހުކުރުމިސްކިތަކީ ދިވެހީންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސްކަމުގައިވާ އިސްލާމީ ވަޙްދަތާއި ދީނީ ތާރީޚާއި ޘަޤާފަތާއި އާދަކާދައިގެ ވާހަކަ ބުނެދޭ މުހިންމު ޘަޤާފީ ތަރިކައެކެވެ. ހިރިގަލުގެ މިމިސްކިތުން ދިވެހީންގެ ގަލުވަޑާމާއި ލިޔެލާޖެހުމުގެ މަސައްކަތްތެރިކަން ދައްކައިދެއެވެ.

މިމިސްކިތް ބިނާކުރެވުނު ސީދާ އަހަރެއް ނޭނގެއެވެ. ތާރީޚީގޮތުން ބުރަވެވެނީ މީލާދީން 1692 އާއި 1695 އާ ދެމެދު މިމިސްކިތް ބިނާކުރެއްވީ ފޮނަދޫ ދަންނަޚަޠީބުތަކުރުފާނު އަލްފަޤީޙް މުޙައްމަދު ސިރާޖުއްދީނުކަމަށެވެ.

މިސްކިތްވަނީ އެކިފަހަރުމަތިން މަރާމާތުކޮށް ވަށައިގެން ފެންޑާލައި ބޮޑުކޮށްފައެވެ. މިސްކިތުގެ މަތިވަޑާންގަނޑުގައި ލާފެންކޮށްފައިހުރި ބެރިތައްވަނީ މަރާމާތުގެ މަސައްކަތުގެތެރޭގައި މުޅީން ބަދަލުކޮށްފައެވެ. ލިޔެލާޖަހާފައިވާ ބައިތަކުން އެކަން ދޭހަވެއެވެ. އެކިދުވަސްވަރު ރޭނުމުގެ މަސައްކަތް ތަރައްޤީވަމުން އައިގޮތާއި ބޭނުންކުރި ތަކެތި ބަދަލުވެފައިވާގޮތް މިމިސްކިތުން ވަރަށް ރަނގަޅަށް ފެނެއެވެ.

ފޮނަދޫ ދަންނަޚަޠީބުތަކުރުފާނުގެ ޒިޔާރަތް:

މިސްކިތުގެ އިރުމަތީ ދޮރާދިމާއިން ވޮށުއަލިފޯރާ ހިސާބުގައި ހިރިގަލުން ހަދާފައިވާ ޚާއްޞަ ބިސްތާނަކީ ފޮނަދޫ ދަންނަ ޚަޠީބުތަކުރުފާނު ނުވަތަ އައްޑޫ މީދޫ ގަނޑުވަރު އަލްއައްލާމާ އަލްފަޤީޙް މުޙައްމަދު ސިރާޖުއްދީން ވަޅުފުޅުލެވިފައިވާ ތަނެވެ. ދަންނަޚަޠީބުތަކުރުފާނު އަވަހާރަވީ 24 ރަޖަބް 1106ހ. (10 މާރިޗު 1695މ.) ގައެވެ. ދެން އެ ޒަމާނުގެ އާދަކާދައިގެ މަތިން ޒިޔާރަތެއްގެ ގޮތުގައި ހަދައި ހިޔާކޮށް ވަށައިގެން ދިދަޖަހައި ކައިރީގައި ދިދަދަނޑިއެއް ޖަހައިފައި ހުށްޓެވެ. ނަދުރުފުދޭ ޒިޔާރަތެއްގެ ގޮތުގައި ބަލައިގެން ޒިޔާރަތާ ގުޅޭ ގޮތުން އެކިއެކި ބިދުޢަތައް އިހުގައި ކުރިޔަށްގެންދިޔައެވެ.  ދަންނަޚަޠީބުތަކުރުފާނަކީ އޭނާގެ ޒަމާނުގައި ރާއްޖޭގެ އެންމެ ބޮޑު ދީނީ ޢިލްމުވެރިޔާއެވެ. އެތައް ބަޔަކަށް ދީނީ ޢިލްމު އުނގަންނަވައިދެއްވިއެވެ. އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުލް ޙަމަވީ އަވަހާރަވުމުން އޭރު ކުރިޔަށްތިއްބެވި ވެރިންނާއި ރައްޔިތުންގެ ގިނަބަޔަކު ބޭނުންވީ ދަންނަޚަޠީބުތަކުރުފާނު  ރަސްކަމަށް އިސްކުރާށެވެ. ނަމަވެސް ދަންނަޚަޠީބުތަކުރުފާނުގެ ޒާހިދުކަންބޮޑުކަމުންް ރަސްކަން ބޭނުންފުޅުނުވާތީ ސިއްރިޔާތުގައި ފޮނަދޫއަށް ވަޑައިގަތީއެވެ. ފޮނަދޫއަކީ އެކަލޭގެފާނުގެ އަނބިކަނބަލުން އާމިނާ ކަނބައިދިކިލެގެ މައިފުށުގެ އާއިލާއޮތް ރަށަށް ވާތީއެވެ. އާމިނާ ކަނބައިދިކިލެގެ ވަޅުފުޅުލެވިފައިވަނީވެސް މިމިސްކިތަށް އަރާއިރު ވާތްފަރާތު އަސްކަންޏާ ވަރަށް ކައިރީގައެވެ.

މަހާނަތައް:

މިސްކިތުގެ އުތުރުފަރާތާއި ހުޅަނގު ފަރާތުގައި ބޮޑެތި ހިރިގަލުން ހަދާފައިވާ ކީލަތަކުގައި ތާނަ އަކުރުން ފިލިނުޖަހައި ހުރި ލިޔުންތަކާއި ޢަރަބި ޅިޔަ އަކުރުން ލިޔެފަައިވާ ލިޔުންތަކާއި ލޮއިގައި ކަނޑައިނަގައިގެން ލިޔެފައިވާ ލިޔުންތައް އެބަހުއްޓެވެ. މިއީ ދިވެހީންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ފާޑުވެރިކަން ދައްކައިދޭ ކީލަތަކެކެވެ. މިމަހާނަގާތަކަށް ބަލާއިރު ފޮނަދޫއަކީ ހުނަރުވެރި ހަރުދަނާ ބަޔަކު ދިރިއުޅުނު ރަށެއްކަން ދޭހަކޮށްދެއެވެ.