Skip to content

En

ހިތަދޫ އާސާރީ ހުކުރު މިސްކިތް

Hithadhoo Aasaaree Hukuru Miskiy

 

ހިތަދޫ އާސާރީ ހުކުރުމިސްކިތަކީ ދިވެހީންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސްކަމުގައިވާ އިސްލާމީ ވަޙްދަތާއި ދީނީ ތާރީޚާއި ޘަޤާފަތާއި އާދަކާދައިގެ ވާހަކަ ބުނެދޭ މުހިންމު ޘަޤާފީ ތަރިކައެކެވެ. ދިވެހީންގެ ގަލުވަޑާމާއި ލިޔެލާޖެހުމާއި ލާފެންކުރުމުގެ މަސައްކަތްތެރިކަމުގެ ފުރިހަމަކަން ހިރިގަލުގެ ކުޑަކުޑަ މި މިސްކިތުން ދައްކައިދެއެވެ.  އިހުގައި މިމިސްކިތަށް ކިޔަނީ ހުކުރު މިސްކިތެވެ. ހިތަދޫގައި ބޮޑެތި މިސްކިތްތަކެއް ބިނާކުރެވުނު ފަހުން ކިޔައި އުޅުނީ ކުޑަ މިސްކިތެވެ.

އިހުއްސުރެ ކިޔައިއުޅެނީ މި މިސްކިތް ބިނާކުރެއްވީ  ދެއްވަދޫ ރަސްގެފާނުކަމުގައެވެ. ނަމަވެސް މި މިސްކިތަށް ވަންނަ ދޮރުގެ ދެފަރާތުގައިވާ  ސިއްކަފުޅުގައި އޮތީ ”އަލް ޚަޠީބް އަލްޤާޟީ މުޙައްމަދު އިބްނި ޙާޖީ ޢަލީ“ އެވެ. މިއިން އެނގެނީ މި މިސްކިތް ބިނާކުރެއްވީ ދެއްވަދޫ ރަސްގެފާނު ރަސްކަމަށް އިސްވެ ވަޑައިގަތުމުގެ ކުރީގައި ފުރަމާލޭގެ ޚަޠީބުކަމާއި ފަނޑިޔާރުކަމުގައި ހުންނެވި ދުވަސްވަރުގައިކަމެވެ. އަދި މިސްކިތުގެ ލާގޭގައި ލާފެންކޮށްފައިވާ ބެރިތަކުގައިވާ ލިޔުމުން ސާފުކޮށް އެނގޭ ގޮތުގައި ”އަލްފަޤީހް އަލްޤާޟީ މުޙައްމަދު އިބްނި ޢަލީ އިބްނި އަލްޤާޟީ މުޙައްމަދު“ މި މިސްކިތް ބިނާކުރެއްވީ ހިޖުރައިން 1100 ވަނަ އަހަރު )1688މ. ނުވަތަ 1689މ.) ގައެވެ. ދެއްވަދޫ ފަނޑިޔާރު ކަލޭގެފާނު ރާއްޖޭގެ ތަޚުތަށް އިސްވެ ވަޑައިގަތީ މި މިސްކިތް ބިނާކުރެއްވިތާ 3 އަހަރެއްހައި ދުވަސްފަހުން 1103ހ. ގައެވެ. އައްސުލްޠާން މުޙައްމަދު އިބްނު އަލްޙާއްޖަ ޢަލީ ތުއްކަލާ ސިރީ ކުލަރަންމަނި މަހާރަދުންގެ ނަންފުޅުގައެވެ. ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިރަދުން އެތައް އެތައް މިސްކިތެއް ބިނާކުރެއްވިއެވެ. ބައުވެ ވީރާނާވެ ހަލާކުވެފައިވާ އެތައް އެތައް މިސްކިތެއް މަރާމާތުކުރެއްވިއެވެ. ނަމަވެސް، ފަނޑިޔާރު ކަމުގައި ހުންނަވައިގެން އެ ރަދުން ބިނާކުރެއްވި މިސްކިތެއް ހިތަދޫ މިސްކިތް ނޫނީ ފާހަގަވެފައެއް ނެތެވެ. މިއީ ތާރީޚީ ގޮތުން މި މިސްކިތަށް ލިބޭ ޚާއްޞަކަމެކެވެ.

މި މިސްކިތުގެ  އަސްލު ބޮޑުމިނަކީ ގާތްގަނޑަކަށް 120 އަކަފޫޓެވެ. ފުރާޅުހުރީ އިހުގެ މިސްކިތްތައް ހުންނަގޮތަށް 4 ފުރާޅަށެވެ. 1980ގެ އަހަރުތަކުގެ ކުރީކޮޅާ ހަމައަށްވެސް މިބައި ހިޔާކޮށްފައި ހުރީ ފަންގެ ލާފައެވެ. މިސްކިތަށް ޖާގަ އިތުރުކުރުމުގެ ގޮތުން 3 ފަރާތުން ފެންޑާ އިތުރުކޮށް ޓިނުން ހިޔާކޮށްފައިވެއެވެ. ފެންޑާގެ ފާރުތައް ހުރީ ގަލުން ރާނައި ދެފުށުން އުވަޖަހައި ޖާލިލީ ކުޑަދޮރު ބަހައްޓާފައެވެ. އުތުރުފަރާތު ފެންޑާގެ ހުޅަނގުކޮޅު ފާރުގައި ލިޔެފައިވާ ލިޔުމަކުން ދޭހަވާ ގޮތުގައި މި ފެންޑާތަކަކީ 1352ހ. (1933މ-1934މ) ގައި އިތުރުކޮށްފައިވާ ބަޔެކެވެ.

މިސްކިތުގެ ބެރިތަކާއި ލިޔާފިލަޔާއި މިހުރާބުގޭ ފިލާގައިވަނީ ރީތިކޮށް ލާފެންކޮށް އަރަބިން ލިޔެފައިވަނީ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކާއި ބައެއް ޙަދީޘް އާއި މިސްކިތުގެ ތާރީޚެވެ.

އިހުގައި މި މިސްކިތުގެ ކައިރީގައި އޮތް ވެވުގެ ލިސާންތައް މިހާރުވެސް އެބަހުއްޓެވެ. މިހާރު ފެންނާން ހުރީ އަށްކަނަށް ހަދާފައިވާ އިހުގެ ހިރިގަލު ދެ ވަޅެވެ. މިސްކިތާ އިންވެގެން އޮތް ބޮޑު މުސްކުޅި ޤަބުރުސްތާނުގެ ގިނަ ގައުތައް ވަނީ ނައްތާލެވިފައެވެ.

މިސްކިތް ބައުވެ އިންދިރާސްވިޔަނުދީ ބެލެހެއްޓުމުގެ ގޮތުން އެކި ދުވަސްވަރުގައި މިސްކިތް މަރާމާތުކޮށްފައިވެއެވެ. އެގޮތުން އެއްފަހަރެއްގައި މަރާމާތުކޮށްފައިވަނީ މިސްކިތުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން ކަން މިސްކިތުގެ ބެރިތަކުން ފާހަގަވެއެވެ.  މި މިސްކިތް މިހާތަނަށް ފެންނާން މިހުރީ ޒަމާނުއްސުރެ ހިތަދޫގެ ރައްޔިތުން މި މިސްކިތަށް ދީފައިވާ ސަމާލުކަމާއި މަރާމާތުކޮށް ބެލެހެއްޓުމަށް ބެހެއްޓި ސަމާލުކަމުގެ ސަބަބުންނެވެ.