ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނަށް ފޮނަދޫ އާސާރީ މިސްކިތާ ބެހޭގޮތުން މަޢުލޫމާތު ދިނުން

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނަށް ފޮނަދޫ އާސާރީ މިސްކިތާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި
ސެޝަންގައި މި މިސްކިތް ނިސްބަތްކުރެވޭ އަލްއައްލާމާ އަލްފަޤީޙް އަލްޚަތީބް މުޙައްމަދު ސިރާޖުއްދީންގެ ޚިދުމަތްތެރިކަމާއި ޢިލްމުވެރިކަމަށާއި ޤައުމިއްޔަތުގެ ރޮނގުން އެ ކަލޭގެފާނުގެ ސީރަތުން ލިބޭ ޢިބުރަތުގެ މައްޗަށް މަޢުލޫމާތު ދެވިފައިވެއެވެ. މީގެއިތުރުން އިހުގެ ގަލުވަޑާމާއި މިސްކިތް ބިނާކުރުމުގެ ވައްޓަފާޅިއާއި މީހުންވަޅުލުމާއި މަހާނައިގެ ކީލަތަކުގެ ފަރުމާކުރުމާއި ލިޔުންތެރިކަމާއި މިސްކިތާއި ޒިޔާރަތާ ގުޅޭ އާދަކާދަތައް ފަދަ ސަގާފީ ތަރިކައިގެ މައްޗަށް އަލި އަޅުވާލެވިފައިވެއެވެ.
ފޮނަދޫގެ މިފަޚުރުވެރި އާސާރީ ތަރިކަ އާ ގުޅޭ ކަންކަމުގައި ހެރިޓޭޖް ސޮސައިޓީ އާއި ފޮނަދޫ ކައުންސިލުން ގުޅިގެން ތަރިކަ އާ ބެހޭ ވުޒާރާގެ ލަފާގެ ދަށުން މިއަހަރުގެ ތެރޭގައި ކަންތައްތަކެއް ކުރުމަށް މިދަނީ މަސައްކަތްކުރަމުންނެވެ.
