ތަރިކައިގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު: ވަޒީރު ހީނާ ވަލީދު

Heritage Minister

ތަރިކައިގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު: ވަޒީރު ހީނާ ވަލީދު

ތާރީޚް: 8 ޖޫން 2026

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާއި ފަންނާ ބެހޭ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމުގައި، އެ ދާއިރާގައި ހަރަކާތްތެރިވާ  އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމަނުއްވާނޭ ކަމަށް ފަންނާއި ސގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ  އާއެކު މިއަދު އެ ވުޒާރާގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ފަންނާއި ސަގާފަތް އަދި ތަރިކައިގެ ދާއިރާ ހަގީގީ މާނައިގައި ތަރައްޤީ ކުރެވޭނީ، މި ދާއިރާގެ ޢިލްމީ އަދި ފަންނީ ބޭފުޅުންގެ އިތުރުން ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއި ބައިވެރިވުން ލިބިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ވުޒާރާގެ މަސައްކަތްތައް ބައްޓަން ކުރައްވާނީ އެފަދަ އެކުވެރި ރޫޙެއްގައި މަސައްކަތް ކުރެވޭނެ މަގު ފަހިވާނޭ ގޮތަށް ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި މަދަނީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޖަމިއްޔާގެ ރައީސް ޠާހާ އަބޫބަކުރާއި ޖެނެރަލް ސެކްރެޓަރީ އަޙްމަދު އަފްރަހެވެ.

ޖަމިއްޔާގެ ރައީސް ޠާހާ އަބޫބަކުރު ވަނީ އެ ޖަމިއްޔާއިން މިހާތަނަށް ކޮށްފައިވާ މުހިންމު މަސައްކަތްތަކާއި، ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ ތަފްސީލީ މައުލޫމާތު ވަޒީރާ ޙިއްސާ ކުރައްވާފައެވެ. މީގެ އިތުރުން، އަމިއްލަ ޖަމިއްޔާއެއްގެ ހައިސިއްޔަތުންމަސައްކަތް ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވައި، އެ ކަންކަން ހައްލުކުރުމަށް ވުޒާރާގެ އެހީތެރިކަން ބޭނުންވާ ދާއިރާތައްވެސް އޭނާ ފާހަގަކުރެއްވިއެވެ.

 

 

ޝެއަރ ކުރައްވާ: