މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އިން އިންތިޒާމުކުރައްވައިގެން، ޖޫން 23 އިން 24 އަށް މާލޭގައި ކުރިޔަށްގެންދިޔަ “މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަހާސިންތާ” ގައި މި ޖަމިއްޔާއިން ވަނީ ބައިވެރިވެފައެވެ.
ގިނަ ޢަދަދެއްގެ ޖަމިއްޔާތަކާއި، ޖަމާޢަތްތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވި މި މަހާސިންތާގެ ތެރެއިން، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގައި އަމިއްލަ ފަރާތްތަކުން އީޖާދީގޮތެއްގައި ކުރާ ކަންކަމާ ބެހޭގޮތުން ކުރިޔަށްގެންދިޔަ ޚާއްސަ ޕެނަލް ޑިސްކަޝަންގައި މި ޖަމިއްޔާގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ވިމެން އިން ޓެކް މޯލްޑިވްސް އާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން މިއަދު މަޝްވަރާކުރެވުނެވެ. މިބައްދަލުވުން އޮތީ މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަހާސިންތާގެ ހަވާސާގައެވެ. މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ ތަރިކަ އާ ގުޅޭ މަސައްކަތްތަކުގަޔާއި އަންހެނުންނާ މުޖުތަމައު ބާރުވެރިކުރުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް ދެޖަމިއްޔާއިން ގުޅިގެން ހަރަކާތްތެރިވެވިދާނެ ގޮތްތަކާބެހޭގޮތުންނެވެ. މި ބައްދަލުވުމުގައި ވިމެން އިން ޓެކްގެ ފަރާތުން ބައިވެރިވެލެއްވީ މި މަހާސިންތާގައި ބައިވެރިވެވަޑައިގަތް އެ ޖަމިއްޔާގެ ނާއިބުރައީސް އަލްފާޟިލާ މިހްނާ ޒާހިރެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް 2026 ފާހަގަކުރުމުގެ ގޮތުން، ހައްދުންމަތީ ގަމުގައި އޮންނަ ޙިމާޔަތްކޮށްފައިވާ ބޮޑަފެންގަނޑަ–ޕަރީފެންގަނޑަ ސަރަޙައްދުގައި މުޖުތަމަޢުގެ ސާފުކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންދެވުނެވެ.
މި ޙަރަކާތުގައި ޖަމްޢިއްޔާ ޖަމާޢަތްތަކާއި، މުއައްސަސާތަކާއި، ވޮލަންޓިއަރުންނާއި، މުޖުތަމަޢުގެ މެމްބަރުން ބައިވެރިވިއެވެ. މިއީ ރަށުގެ ޠަބީޢީ ތިމާވެށި ޙިމާޔަތްކޮށް، މި މުހިންމު ފެންބިމުގެ ސަރަޙައްދު ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކޮށް ދެމެހެއްޓުމަށް ޢާންމުން ޝާމިލުވެ ތިބިކަން ދައްކުވައިދޭ ޙަރަކާތެކެވެ.
މި ޙަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށާއި އަފުރާދުންނަށް ވެދެއްވި އަގުހުރި އެހީތެރިކަމާއި އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ:
- މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
- ލ.ގަން ކައުންސިލް
- ލ.ގަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
- މޯލްޑިވްސް ރެޒިލިއަންޓް ރީފްސް
- ވެމްކޯ
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ)
މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ޖަވާބު އާއެކު ފަހުމުނާމާ އެއްގައި ސޮއިކޮށްފައިވާކަން އުފަލާއެކު އިޢުލާންކުރަމެވެ.
މި ޕާޓްނަރޝިޕަކީ ދިވެހިރާއްޖޭގެ މުއްސަނދި ސަގާފީ އަދި ޠަބީޢީ ތަރިކަ ރައްކާތެރިކޮށް، ދެމެހެއްޓުމަށާއި އަދި ކުރިއެރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ޖަވާބުގެ އޮފީހުގައެވެ. މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ އަޅުގަނޑުމެންގެ ރައީސް ތާހާ އަބޫބަކުރު އަދި ސެކްރެޓަރީ ޖެނެރަލް އަޙްމަދު އަފްރާޙް އެވެ. އަދި ޖަވާބުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޯ-ފައުންޑަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޖައިލަމް އެވެ.
މި އެމް.އޯ.ޔޫގެ ދަށުން، ޖަވާބުން އަޅުގަނޑުމެންނަށް ދިވެހި ޖީ.ޕީ.ޓީ ހިލޭ ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެއެވެ.
އޭގެ ސަބަބުން އަޅުގަނޑުމެންގެ އިދާރީ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، މި ގުޅުމުގެ ސަބަބުން ދިވެހި ބަހުގެ އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭގޮތުން ޖަވާބުން ކުރަމުންދާ މުހިންމު ދިރާސާތަކަށް އަޅުގަނޑުމެންގެ ބަހަވީ އަދި ސަގާފީ ތަޖުރިބާގެ އަލީގައި އެހީތެރިވުމުގެ ޚާއްޞަ ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.
ޕަރީފެންގަނޑަ ޕްލެޓްފޯމު ހެދުމަށްފަހު މި ޕްލެޓްފޯމުގައި ދެވޭ ފުރަތަމަ މަޢުލޫމާތު ސެޝަން މިއަދު ލާމު ޕްރީ އެޑިއުކޭޝަންގެ ދަރިވަރުންނަށް ދެވުނެވެ.
ޠަބީޢީތަރިކައެއްކަމުގައިވާ މި މުހިންމު ސަރަޙައްދު ޙިމާޔަތްކޮށް ބެލެހެއްޓުމުގެ މުހިއްމުކަމާއި ތަނާ ބެހޭ ތަަރީޚީ ސަގާފީ މުހިންމު މައުލޫމަަތާއި ޒިޔާރަތްކުރާ ފަރާތްތަކުން އަމަލުތައް ބަހައްޓަންޖެހޭގޮތާއިބެހޭ ގޮތުން މިސެޝަންގައި މައުލޫމާތު ދެވިފައިވެއެވެ.
މި ސަރަޙައްދު ހިމާޔަތްކުރެވި، މެނޭޖްމަންޓް ޕްލޭންގައި ހިމެނިގެން މި ފަދަ ޕްލެޓްފޯމެއް އެޅިފައިވަނީ ޒިޔާރަތްކުރާ ފަރާތްތަކަަށް ފަސޭހަކަމާ ރައްކާތެރިކަމާއެކު ފެންގަނޑު ބަލައިލެވުމުގެ އިތުރަށް މި މާހައުލީ ނިޒާމުގައިވާ ދިރުންތަކަށް ލިބޭ ގެއްލުން ކުޑަވާނެހެން ދެމެހެއްޓެނިވި ގޮތެއްގައި މި ސަރަޙައްދު ބޭނުންކުރުމަށް މަގުފަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުންނެވެ.
މި ސެޝަންގައި ބައިވެެރިވެދެއްވީތީ ލާމު ޕްރީ އެޑިއުކޭޝަންގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ހިންގުންތެރީންނަށް ޝުުކުރު ދަންނަވަމެވެ.
ހައްދުންމަތީ ގަމުގައިވާ ހިމާޔަތްކުރެވިފައިވާ ޠަބީޢީ އަދި ސަގާފީ ތަރިކައެއްކަމުގައިވާ ބޮޑަފެންގަނޑަ ނުވަތަ މަޝްހޫރު ޕަރީފެންގަނޑަ ސަރަޙައްދުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއިން ކުރިޔަށް ގެންދިޔަ ޕަރީފެންގަނޑަ ޕްލެޓްފޯމް މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާ ރަސްމީގޮތުން ޕަރީފެންގަނޑަ ޕްލެޓްފޯމް މިއަދު ހުޅުވިއްޖެއެވެ. މި މަޝްރޫޢުގެ ދަށުން ތައްޔާރުކުރެވުނު ޕްލެޓްފޯމަކީ މިތަނުގެ ރީތި ވެށްޓާއި ޤުދުރަތީ ދިރުންތައް ބަލައިލުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު އަދި މާޙައުލަށް ނޭދެވޭ އަސަރު ނުކުރާ ގޮތެއްގައި ތަން ބަލައިލެވޭނެ ގޮތެއް ހެދުމުގެ މަޤްޞަދުގައި ބިނާކުރެވިފައިވާ ޕްލެޓްފޯމެކެވެ.
އެންދެރި ޕްރޮޖެކްޓްގެ ސްމޯލްގްރާންޓް ފަންޑުން މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ތަރައްޤީކޮށް ނިންމި މި ޕްލެޓްފޯމް ރަސްމީކޮށް ހުޅުވައިދެވީ މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސްއެވެ. ހުޅުވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަ ފުޅުގައި އަތޮޅުކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ ފާހަގަކުރެއްވި ގޮތުގައި މިއީ ލ. ގަމުގެ މި މުހިންމު ސަރަޙައްދު ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމުގެ މަސައްކަތުގެތެރެއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ.
ޕްލެޓްފޯމް ހުޅުވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް ވަނީ މި މަޝްރޫޢު ކާމިޔާބުކޮށް ނިންމާލުމަށް އެހީތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. އެގޮތުން މިމަޝްރޫޢަށް ފަންޑުކޮށްދެއްވި މިނިސްޓްރީ އޮފް ޓްއަރިޒަމް އެންޑް އެންވަޔަރަންމެންޓްގެ އިސްވެރިންނާއި އެންދެރި ޕްރޮޖެކްޓްގެ ޓީމަށާއި މި ޕްރޮޖެކްޓަށް އެހީތެރިވެދެއްވި ސިކްސް ސެންސަސް ލާމު ރިސޯޓާއި ފެޑޯ ޕވޓ ލޓޑ އާއި މަޝްރޫޢަށް ފުރިހަމަ އެއްބާރުލުމެއް ދެއްވި ލ. ގަމު ކައުންސިލް، ގަމު ވިމެންސް ޑެވެލޮޕްމަންޓް ކޮމިޓީ އާއި، ކޮންޓްރެކްޓަރުން، ވޮލަންޓިއަރުން އަދި މުޖުތަމަޢުގެ މެމްބަރުންގެ އެއްބާރުލުމާއި ދެއްވި ފުރިހަމަ އެހީތެރިކަމަކީ މި އުންމީދީ މަޝްރޫޢު ހަޤީޤަތަކަށް ބަދަލުވުމުގެ އަސާސްކަން ފާހަކުރެއްވިއެވެ. މި މަޝްރޫޢަށް އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް މި ރަސްމިއްޔާތުގައި ހަނދާނީ ފިލާ އެރުވުނެވެ.
މި މަޝްރޫޢުގެ ސަބަބުން ޕަރީފެންގަނޑަ ސަރަޙައްދުގައި މާޙައުލީ ހޭލުންތެރިކަން، ތަރިކައިގެ އަގުކުރުން އަދި ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަށް ގެންދިޔުމުގެ އާ ބާބެއް ފެށުމަށް މަގުފަހިވެގެންދާނެކަމަށް މި ޖަމިއްޔާއިން ދެކެމެވެ. އަދި މި އާ ޕްލެޓްފޯމަކީ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތަކަށް، އަދި ތަރިކަ ފަތުރުވެރިކަން ކުރިއަށް ގެންދިޔުމަށް މުހިންމު މަރުކަޒަކަށް ވާނެކަމަށް މި ޖަމިއްޔާއިން އުންމީދުކުރަމެވެ.
ޕަރީ ފެންގަނޑަ ޕްލެޓްފޯމް ޕްރޮޖެކްޓްގައި ހިމެނޭ ޕްލެޓްފޯމް ބިނާކުރުމުގެ އިތުރުން ޕަރީފެންގަނޑަފަދަ ޤުދުރަތީ ތަރިކަތަކާއި އެހެނިހެން ސަޤާފީ ތަރިކަތަކުގެ މައުލޫމާތު ދޭނެ ޓުއަރގައިޑުން ތަމްރީންކުރުމުގެ ޕްރޮގްރާމެއްވެސް މި ޖަމިއްޔާއިން ވާނީ ކުރިޔަށް ގެންގޮސްފައެވެ. މި މަޝްރޫޢަކީ ލާމު އަތޮޅުގައި ހިމާޔަތްކުރެވިފައިވާ ތަންތަނަށް ތައްޔާރުކުރެވުނު މެނޭޖްމަންޓް ޕްލޭންގައިވާ ކަންތައްތައް ތަރައްޤީކުރުމަށްޓަކައި އެންދެރި ޕްރޮޖެކްޓުން ދެއްވި ސްމޯލްގްރާންޓް ފަންޑުގެ ދަށުން މި ޖަމިއްޔާއަށް ލިބުނު ފަންޑުގެ ބޭނުންކޮށްގެން ކާމިޔާބު ކަމާއެކު ނިންމި މަޝްރޫޢެކެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، އިންފޮރމޭޝަން އެންޑް އާރޓްސް އިން ހިންގި އެން.ޖީ.އޯ ލީޑަރސް ޓްރެއިނިންގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން ބައިވެރިވެ ތަމްރީން ފުރިހަމަކުރީ އެކްސްކޯ މެމްބަރ އައިމިނަތު އަނޫޒާއެވެ.
ނޭޝަނަލް ޔޫތު ކޮންފަރެންސް 2025 ގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން ބައިވެރިވީ އެކްސްކޯ މެމްބަރ އައިމިނަތު އަނޫޒާ އެވެ.
މި ދެދުވަހުގެ ޤައުމީ ކޮންފަރެންސްގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން ޒުވާނުން ބައިވެރިވެ، ޔޫތު ލީޑަރޝިޕް، ޤައުމީ ތަރައްގީ އަދި މުސްތަގުބަލުގެ ވިސްނުމާއި ގުޅޭ މުހިންމު ސެޝަންތަކާއި، މަޝްވަރާތަކާއި ބަހުސްތައް ބޭއްވިއެވެ.
ޕަރީ ފެންގަނޑަ ޕްލެޓްފޯމް ޕްރޮޖެކްޓްގައި ހިމެނޭ ޓުއަރގައިޑް ޓްރެއިނިންގ ކޯސް ނިންމި ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުނެވެ. މޯލްޑިވްސް ހެރިޓޭޖު ސޮސައިޓީ އިން މި ތަމްރީން ހިންގާފައިވަނީ ޕަރީ ފެންގަނޑަ ފަދަ ޙިމާޔަތްކުރެވޭ ޤުދުރަތީ ތަރިކަތަކާއި އެހެނިހެން ސަޤާފީ ތަރިކަތަކުގެ މައުލޫމާތު ދޭނެ ޓުއަރ ގައިޑުން އުފެއްދުމަށެވެ. އެގޮތުން މި ތަމްރީންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 11 ބައިވެރިން ވަނީ މި ތަމްރީން ފުރިހަމަކޮށްފައެވެ މިތަމްރީންގައި ސެޝަންތައް ނަގައިދީފައިވަނީ މީހުން ބިނާކުރުމުގެ ދާއިރާގައި ވަރަށް ފާހަގަކޮށްލެވޭ ހުނަރުވެރި ބޭފުޅެއްކަމުގައިވާ އަލްފާޟިލް އަޙްމަދު ނާޞިރެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓްގެ ދަށުން ހިންގާ އެންދެރި ޕްރޮޖެކްޓްގެ މާލީ އެހީތެރިކަމުގެ ދަށުން މި ޖަމިއްޔާއިން މިތަމްރީން ކުރިޔަށްގެންގޮސްފައިވަނީ ލ.ގަމު އތމ ކޮމެޓީ އަދި ގޭޖް ޓްރެއިނިންގ އިންސްޓިޓިއުޓާ ގުޅިގެންނެވެ.