ޒުވާނުންނަށް ތަރިކަ: އައްޑޫ ހައި ސްކޫލްގެ ދަރިވަރުންނަށް ސަގާފީ ތަރިކައާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

އައްޑޫ ހައި ސްކޫލްގެ ދަރިވަރުން ހައްދުންމައްޗަށް ކުރަމުންދާ ތައުލީމީ މައިދާނީ ދަތުރުގައި، ރާއްޖޭގެ ސަގާފީ ތަރިކައާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް މި ޖަމިއްޔާ އިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި ހަމަދު ސްކޫލް ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަން ބާއްވާފައިވަނީ ލ. ގަމުގެ  އާސާރީ ސަރަޙައްދެއްކަމުގައިވާ “ހަތްތެލި” ސަރަހައްދުގައެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހިރާއްޖޭގެ މުއްސަނދި ތާރީޚާއި ސަގާފީ ތަރިކައަށް ލޯބިޖެއްސުމާއި، އާސާރީ ބިނާތަކުގެ މުހިންމުކަމާއި ޞައްޙަ މައުލޫމާތު އޮޅުންފިލުވައިދިނުމެވެ.

މި ސެޝަންގައި މައުލޫމާތު ދެއްވަމުން، ރާއްޖޭގެ ތާރީޚީ ތަންތަނާއި ބިނާތައް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ވަކިން ހާއްސަކޮށް، ގަމުގެ ހަތްތެލި ފަދަ އާސާރީ ތަންތަނަކީ ދިވެހިންގެ ޤަދީމީ ތާރީޚާއި އިސްލާމީ މަތިވެރި ހިދާޔަތަށް ދިވެހީން ބަދަލުވީގޮތުގެ ތާރީޚާއި ދިވެހީންގެ މަސައްކަތްތެރިކަމާއި ފަންނުވެރިކަން ހެކިކޮށްދޭ ދިރިހުރި ނިޝާންތަކެއްކަން ދަރިވަރުންނަށް ކިޔައިދީފައިވެއެވެ.

އައްޑޫ ހައި ސްކޫލްގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި މި ދަތުރަކީ، ފޮތްތަކުން އުނގަންނައިދޭ ފިލާވަޅުތައް އަމަލީ ގޮތުން ދެކެލުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުމަށް ކުރިއަށްގެންދާ ދަތުރެކެވެ. މިފަދަ ސެޝަންތަކުގެ ސަބަބުން ޒުވާން ޖީލަށް ރާއްޖޭގެ ތަރިކައާ މެދު އޮންނަ ހޭލުންތެރިކަން އިތުރުވެ، އެ ތަންތަން ރައްކާތެރިކުރުމުގެ ރޫހު އާލާވެއެވެ.

ޒުވާނުންނަށް ތަރިކަ މި ޝިޔާރުގެ ދަށުން 2022 އިން ފެށިގެން އިސްކޫލްތަކާއި ޔުނިވަރސިޓީ/ކޮލެޖްތަކުގެ ދަރިވަރުންނާއި ޒުވާނުންނަށް ތަރިކައާ ބެހޭގޮތުން މައުލޫމާތު ދީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި ޖަމިއްޔާ އިން ދަނީ ރާއްޖޭން ބޭރުގެ ޔުނިވަރސިޓީ ތަކުގެ ދަރިވަރުންނާއި ރާއްޖޭގައި މަތީތައުލީމު ހާޞިލްކުރާ ދަރިވަރުންނާއި ސްކޫލްތަކުގެ ދަރިވަރުންނާއި ޒުވާނުންނަށް ސެޝަންތައް ހިންގަމުންނެވެ.

މޫސުމީބަދަލުތަކަށް ހޭނުމުގެ މަހާސިންތާގައި ބައިވެރިވުން

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އިން އިންތިޒާމުކުރައްވައިގެން، ޖޫން 23 އިން 24 އަށް މާލޭގައި ކުރިޔަށްގެންދިޔަ “މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަހާސިންތާ” ގައި މި ޖަމިއްޔާއިން ވަނީ ބައިވެރިވެފައެވެ.

ގިނަ ޢަދަދެއްގެ ޖަމިއްޔާތަކާއި، ޖަމާޢަތްތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވި މި މަހާސިންތާގެ ތެރެއިން، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގައި އަމިއްލަ ފަރާތްތަކުން އީޖާދީގޮތެއްގައި ކުރާ ކަންކަމާ ބެހޭގޮތުން ކުރިޔަށްގެންދިޔަ ޚާއްސަ ޕެނަލް ޑިސްކަޝަންގައި މި ޖަމިއްޔާގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވިމެން އިން ޓެކް އާއެކު ހެރިޓޭޖް ސޮސައިޓީން މަޝްވަރާކުރުން

ވިމެން އިން ޓެކް މޯލްޑިވްސް އާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން މިއަދު މަޝްވަރާކުރެވުނެވެ. މިބައްދަލުވުން އޮތީ މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަހާސިންތާގެ ހަވާސާގައެވެ.  މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ ތަރިކަ އާ ގުޅޭ މަސައްކަތްތަކުގަޔާއި އަންހެނުންނާ މުޖުތަމައު ބާރުވެރިކުރުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް ދެޖަމިއްޔާއިން ގުޅިގެން ހަރަކާތްތެރިވެވިދާނެ ގޮތްތަކާބެހޭގޮތުންނެވެ. މި ބައްދަލުވުމުގައި ވިމެން އިން ޓެކްގެ ފަރާތުން ބައިވެރިވެލެއްވީ މި މަހާސިންތާގައި ބައިވެރިވެވަޑައިގަތް އެ ޖަމިއްޔާގެ ނާއިބުރައީސް އަލްފާޟިލާ މިހްނާ ޒާހިރެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން, ޕަރީފެންގަނޑަ ސަރަޙައްދު ސާފުކުރުން

ދުނިޔޭގެ ތިމާވެށީގެ ދުވަސް 2026 ފާހަގަކުރުމުގެ ގޮތުން، ހައްދުންމަތީ ގަމުގައި އޮންނަ ޙިމާޔަތްކޮށްފައިވާ ބޮޑަފެންގަނޑަ–ޕަރީފެންގަނޑަ ސަރަޙައްދުގައި މުޖުތަމަޢުގެ ސާފުކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންދެވުނެވެ.

މި ޙަރަކާތުގައި ޖަމްޢިއްޔާ ޖަމާޢަތްތަކާއި، މުއައްސަސާތަކާއި، ވޮލަންޓިއަރުންނާއި، މުޖުތަމަޢުގެ މެމްބަރުން ބައިވެރިވިއެވެ. މިއީ ރަށުގެ ޠަބީޢީ ތިމާވެށި ޙިމާޔަތްކޮށް، މި މުހިންމު ފެންބިމުގެ ސަރަޙައްދު ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކޮށް ދެމެހެއްޓުމަށް ޢާންމުން ޝާމިލުވެ ތިބިކަން ދައްކުވައިދޭ ޙަރަކާތެކެވެ.

މި ޙަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށާއި އަފުރާދުންނަށް ވެދެއްވި އަގުހުރި އެހީތެރިކަމާއި އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ:

  • މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
  • ލ.ގަން ކައުންސިލް
  • ލ.ގަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
  • މޯލްޑިވްސް ރެޒިލިއަންޓް ރީފްސް
  • ވެމްކޯ
  • ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ)

ތަރިކައިގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު: ވަޒީރު ހީނާ ވަލީދު

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާއި ފަންނާ ބެހޭ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމުގައި، އެ ދާއިރާގައި ހަރަކާތްތެރިވާ  އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމަނުއްވާނޭ ކަމަށް ފަންނާއި ސގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ  އާއެކު މިއަދު އެ ވުޒާރާގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ފަންނާއި ސަގާފަތް އަދި ތަރިކައިގެ ދާއިރާ ހަގީގީ މާނައިގައި ތަރައްޤީ ކުރެވޭނީ، މި ދާއިރާގެ ޢިލްމީ އަދި ފަންނީ ބޭފުޅުންގެ އިތުރުން ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއި ބައިވެރިވުން ލިބިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ވުޒާރާގެ މަސައްކަތްތައް ބައްޓަން ކުރައްވާނީ އެފަދަ އެކުވެރި ރޫޙެއްގައި މަސައްކަތް ކުރެވޭނެ މަގު ފަހިވާނޭ ގޮތަށް ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި މަދަނީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޖަމިއްޔާގެ ރައީސް ޠާހާ އަބޫބަކުރާއި ޖެނެރަލް ސެކްރެޓަރީ އަޙްމަދު އަފްރަހެވެ.

ޖަމިއްޔާގެ ރައީސް ޠާހާ އަބޫބަކުރު ވަނީ އެ ޖަމިއްޔާއިން މިހާތަނަށް ކޮށްފައިވާ މުހިންމު މަސައްކަތްތަކާއި، ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ ތަފްސީލީ މައުލޫމާތު ވަޒީރާ ޙިއްސާ ކުރައްވާފައެވެ. މީގެ އިތުރުން، އަމިއްލަ ޖަމިއްޔާއެއްގެ ހައިސިއްޔަތުންމަސައްކަތް ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވައި، އެ ކަންކަން ހައްލުކުރުމަށް ވުޒާރާގެ އެހީތެރިކަން ބޭނުންވާ ދާއިރާތައްވެސް އޭނާ ފާހަގަކުރެއްވިއެވެ.

 

 

ދިވެހިބަހުގެ އެކެޑަމީގެ ރައީސް އާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ބައްދަލުކުރުން

ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދާ މި ސޮސައިޓީގެ ރައީސް މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މި ސޮސައިޓީގެ މަގުސަދުތަކާއި މިހާރު ކުރިޔަށް ގެންދާ ތަފާތު ހަރަކާތްތަކާއި ކުރިޔަށް ރޭވިފައިހުރި ބައެއް ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މި ސޮސައިޓީގެ ހަރަކާތްތަކުގައި ދިވެހިބަހުގެ އެކެޑަމީއަށް ވެދެއްވިދާނެ އެހީތެރިކަމާ ބެހޭ ގޮތުންނާއި ދެ ފަރާތުން ގުޅިގެން ކުރިޔަށް ގެންދެވިދާނެ ބައެއް ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ. ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ ވާހަކަފުޅުގައި މި ޖަމިއްޔާ އިން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ދެ ފަރާތް ގުޅިގެން ކުރެއްވިދާ ބައެއް ކަންކަން ފާހަގަ ކުރެއްވިއެވެ. އަދި މި ޖަމިއްޔާގެ ބައެއް މަސައްކަތްތަކަކީ، އެކެޑަމީގެ މަސައްކަތްތަކާ ވެސް ގުޅުންހުރި މަސައްކަތްތަކަކަށް ވާތީ ދެ ފަރާތަށް އޭގެ މަންފާކުރެވިދާނެ ގޮތަކަށް ކުރިޔަށް ދެވިދާނެ ރޮނގުތަކަކީ ކޮބައިތޯ އިތުރަށް ބެލިދާނެކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މި ސޮސައިޓީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު އަފްރަޙް ބައިވެރިވެވަޑައިގަތެވެ.

(ފޮޓޯތައް: ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓް)

ޔުނެސްކޯގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރުން

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ވަފުދަކުން މޯލްޑިވްސް ނޭޝަނަލް ކޮމިޝަން ފޯ ޔުނެސްކޯގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝިނާޒްއާ ބައްދަލުކުރައްވައިފިއެވެ. މިއީ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ.

މި މަޝްވަރާތަކުގައި، ސޮސައިޓީން މިހާރު ކުރިއަށްގެންދާ ހަރަކާތްތަކާއި ކުރިމަގުގައި ހިންގުމަށް ރާވާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައިވެއެވެ. އަދި މި ޖަމިއްޔާއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ޔުނެސްކޯގެ އެހީތެރިކަމާއި ފަންނީ ތަޖުރިބާ ބޭނުންކުރެވިދާނެ މައިގަނޑު ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

ޖަވާބު އާއެކު ފަހުމުނާމާއެއްގައި ސޮއިކުރުން

 މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ޖަވާބު އާއެކު ފަހުމުނާމާ އެއްގައި ސޮއިކޮށްފައިވާކަން އުފަލާއެކު އިޢުލާންކުރަމެވެ.

މި ޕާޓްނަރޝިޕަކީ ދިވެހިރާއްޖޭގެ މުއްސަނދި ސަގާފީ އަދި ޠަބީޢީ ތަރިކަ ރައްކާތެރިކޮށް، ދެމެހެއްޓުމަށާއި އަދި ކުރިއެރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ޖަވާބުގެ އޮފީހުގައެވެ. މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ އަޅުގަނޑުމެންގެ ރައީސް ތާހާ އަބޫބަކުރު އަދި ސެކްރެޓަރީ ޖެނެރަލް އަޙްމަދު އަފްރާޙް އެވެ. އަދި ޖަވާބުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޯ-ފައުންޑަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޖައިލަމް އެވެ.

މި  އެމް.އޯ.ޔޫގެ ދަށުން، ޖަވާބުން އަޅުގަނޑުމެންނަށް ދިވެހި ޖީ.ޕީ.ޓީ ހިލޭ ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެއެވެ.

އޭގެ ސަބަބުން އަޅުގަނޑުމެންގެ އިދާރީ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، މި ގުޅުމުގެ ސަބަބުން ދިވެހި ބަހުގެ އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭގޮތުން ޖަވާބުން ކުރަމުންދާ މުހިންމު ދިރާސާތަކަށް އަޅުގަނޑުމެންގެ ބަހަވީ އަދި ސަގާފީ ތަޖުރިބާގެ އަލީގައި އެހީތެރިވުމުގެ ޚާއްޞަ ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.

 

ތަރިކައިގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ޗައިނާ ސަފީރާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ބައްދަލުކޮށްފި

ޖޫން 7 — މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް އަލްފާޟިލް ޠާހާ އަބޫބަކުރު، ދިވެހިރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އޮނަރަބަލް ކޮންގ ޝިއަންހުއާ އާ ދާދިފަހުން ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ތާރީޚު ޙިމާޔަތްކޮށް ދިރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ބައްދަލުވުމުގައި، މި ޖަމްޢިއްޔާގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ސަފީރު ކޮންގ އަށް އެރުވުނެވެ. އަދި ދިވެހިރާއްޖެއަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ ދިގުމުއްދަތުގެ އެހީތެރިކަމަށް މި ޖަމްޢިއްޔާގެ ރައީސް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި ތަރިކަ ޙިމާޔަތްކުރުމާއި، ތަޢުލީމާއި، ފަންނީ ތަމްރީނާއި، ޘަޤާފީ ބަދަލުކުރުމުގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ތަރިކައަކީ ޤައުމެއްގެ ތާރީޚާއި ޘަޤާފަތް ދައްކުވައިދޭ މުހިންމު ބައެއްކަން ސަފީރު ކޮންގ ފާހަގަކުރައްވައި، ތަރިކަ ޙިމާޔަތްކުރުމާއި އެ ނޫންވެސް ގުޅުންހުރި ދާއިރާތަކުން ދިވެހިރާއްޖެއާއެކު ބަދަލުކުރުންތަކާއި ގުޅުން އިތުރަށް ބަދަހިކުރައްވަން ޗައިނާ ތައްޔާރަށް އޮތްކަން ހާމަކުރެއްވިއެވެ.

މި ބިނާކުރަނިވި މަޝްވަރާއަށް މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ. އަދި ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއެކު ކުރިއަށް އޮތްތަނުގައިވެސް ގުޅުން ދެމެހެއްޓުމަށް އުންމީދުކުރަމެވެ.

Access the related news from Chinese Embassy Website

ސަގާފީ ތަރިކަތަކާ ބެހޭ މައުލޫމާތު ބޯޑު ބެހެއްޓުމާ ބެހޭގޮތުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރުން

އައްޑޫސިޓީ ކައުންސިލާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ބައްދަލުވުމެއް މިއަދު އައްޑޫ ސިޓީގައި ބޭއްވުނެވެ.
މި ބައްދަލުކުރެއްވުމުގައި އައްޑޫސިޓީގެ ސަގާފީ ތަރިކަތައްކަމުގައި ހިމެނޭ މުހިންމު ތަންތަނުގެ މަޢުލޫމާތު ހިމެނޭ ބޯޑުތައް އެ ސަރަހައްދުތަކުގައި ހަރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލުންވަނީ ފަހުމު ނާމާއެއްގެ ދަށުން މި މަސައްކަތްކުރިޔަށް ގެންދިޔުމަށް އެ ކައުންސިލުން ފުރިހަމަ އެއްބާރުލެއްވުން ދެއްވނެ ކަމުގެ ޔަޤީންކަން މި ޖަމިއްޔާއަށް ދެއްވާފައެވެ.
(ފޮޓޯތައް: އައްޑޫ ސިޓީކައުންސިލްގެ ފޭސްބުކް ޕޭޖް)