މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް، އައްޑޫ ސިޓީގައި ހުންނަ އަމިއްލަ ދާރުލްއާސާރު “ކޮށިދޮރަގެ” އަށް ޒިޔާރަތްކޮށްފިއެވެ. މި ދާރުލްއާސާރުގައި އައްޑޫއާއި ދިވެހި ތާރީޚާއި ބަހާއި ތަރިކައާ ގުޅޭ އެތައް މުހިންމު އާސާރީ ތަކެތި ހިމެނެއެވެ.
މި މިއުޒިއަމް އަކީ އަލްފާޟިލް އިބްރާހިމް ފިރާޤް ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ވަރަށް ޝައުގާއި ފަރުވާތެރިކަމާއެކު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެކެވެ. ކޮށިދޮރަގެ ކޮލެކްޝަންގައި ދިވެހި ރާއްޖޭގެ ސަގާފީ އަދި ތާރީޚީ އަގުހުރި ވަރަށް ގިނަގުނަ ތަކެތި ހިމެނެއެވެ. މި ޒިޔާރަތުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް، މި މިއުޒިއަމް ބަލަހައްޓަވަމުން ގެންދަވާ އިބްރާހިމް ފިރާޤްގެ އަގުހުރި ޚިދުމަތަށް ޝުކުރާއި ތަހުނިޔާ ދަންނަވައި، މި މުހިންމު މަސައްކަތުގައި ދެމިހުންނެވުމަށް ހިތްވަރުދެއްވިއެވެ. އަދި މި ދާރުލްއާސާރު އިތުރަށް ތަރައްގީކުރުމާއި، މިއުޒިއަމްގެ ކަލެކްޝަންތައް އިތުރަށް ތަރުތީބުކޮށް ބަލަހައްޓާ ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ވެދެވެން އޮންނަ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދޭނެކަން ހާމަކުރެއްވިއެވެ.
އަދި މި ޒިޔާރަތުގެ ތެރޭގައި، މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް ވަނީ ލިޔެލާޖެހި ކަންވާރެއް ދާރުލްއާސާރަށް ހަދިޔާކުރައްވާފައެވެ.
ޕަރީފެންގަނޑަ ޕްލެޓްފޯމު ހެދުމަށްފަހު މި ޕްލެޓްފޯމުގައި ދެވޭ ފުރަތަމަ މަޢުލޫމާތު ސެޝަން މިއަދު ލާމު ޕްރީ އެޑިއުކޭޝަންގެ ދަރިވަރުންނަށް ދެވުނެވެ.
ޠަބީޢީތަރިކައެއްކަމުގައިވާ މި މުހިންމު ސަރަޙައްދު ޙިމާޔަތްކޮށް ބެލެހެއްޓުމުގެ މުހިއްމުކަމާއި ތަނާ ބެހޭ ތަަރީޚީ ސަގާފީ މުހިންމު މައުލޫމަަތާއި ޒިޔާރަތްކުރާ ފަރާތްތަކުން އަމަލުތައް ބަހައްޓަންޖެހޭގޮތާއިބެހޭ ގޮތުން މިސެޝަންގައި މައުލޫމާތު ދެވިފައިވެއެވެ.
މި ސަރަޙައްދު ހިމާޔަތްކުރެވި، މެނޭޖްމަންޓް ޕްލޭންގައި ހިމެނިގެން މި ފަދަ ޕްލެޓްފޯމެއް އެޅިފައިވަނީ ޒިޔާރަތްކުރާ ފަރާތްތަކަަށް ފަސޭހަކަމާ ރައްކާތެރިކަމާއެކު ފެންގަނޑު ބަލައިލެވުމުގެ އިތުރަށް މި މާހައުލީ ނިޒާމުގައިވާ ދިރުންތަކަށް ލިބޭ ގެއްލުން ކުޑަވާނެހެން ދެމެހެއްޓެނިވި ގޮތެއްގައި މި ސަރަޙައްދު ބޭނުންކުރުމަށް މަގުފަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުންނެވެ.
މި ސެޝަންގައި ބައިވެެރިވެދެއްވީތީ ލާމު ޕްރީ އެޑިއުކޭޝަންގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ހިންގުންތެރީންނަށް ޝުުކުރު ދަންނަވަމެވެ.
ހައްދުންމަތީ ގަމުގައިވާ ހިމާޔަތްކުރެވިފައިވާ ޠަބީޢީ އަދި ސަގާފީ ތަރިކައެއްކަމުގައިވާ ބޮޑަފެންގަނޑަ ނުވަތަ މަޝްހޫރު ޕަރީފެންގަނޑަ ސަރަޙައްދުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއިން ކުރިޔަށް ގެންދިޔަ ޕަރީފެންގަނޑަ ޕްލެޓްފޯމް މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާ ރަސްމީގޮތުން ޕަރީފެންގަނޑަ ޕްލެޓްފޯމް މިއަދު ހުޅުވިއްޖެއެވެ. މި މަޝްރޫޢުގެ ދަށުން ތައްޔާރުކުރެވުނު ޕްލެޓްފޯމަކީ މިތަނުގެ ރީތި ވެށްޓާއި ޤުދުރަތީ ދިރުންތައް ބަލައިލުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު އަދި މާޙައުލަށް ނޭދެވޭ އަސަރު ނުކުރާ ގޮތެއްގައި ތަން ބަލައިލެވޭނެ ގޮތެއް ހެދުމުގެ މަޤްޞަދުގައި ބިނާކުރެވިފައިވާ ޕްލެޓްފޯމެކެވެ.
އެންދެރި ޕްރޮޖެކްޓްގެ ސްމޯލްގްރާންޓް ފަންޑުން މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ތަރައްޤީކޮށް ނިންމި މި ޕްލެޓްފޯމް ރަސްމީކޮށް ހުޅުވައިދެވީ މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސްއެވެ. ހުޅުވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަ ފުޅުގައި އަތޮޅުކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ ފާހަގަކުރެއްވި ގޮތުގައި މިއީ ލ. ގަމުގެ މި މުހިންމު ސަރަޙައްދު ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމުގެ މަސައްކަތުގެތެރެއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ.
ޕްލެޓްފޯމް ހުޅުވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް ވަނީ މި މަޝްރޫޢު ކާމިޔާބުކޮށް ނިންމާލުމަށް އެހީތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. އެގޮތުން މިމަޝްރޫޢަށް ފަންޑުކޮށްދެއްވި މިނިސްޓްރީ އޮފް ޓްއަރިޒަމް އެންޑް އެންވަޔަރަންމެންޓްގެ އިސްވެރިންނާއި އެންދެރި ޕްރޮޖެކްޓްގެ ޓީމަށާއި މި ޕްރޮޖެކްޓަށް އެހީތެރިވެދެއްވި ސިކްސް ސެންސަސް ލާމު ރިސޯޓާއި ފެޑޯ ޕވޓ ލޓޑ އާއި މަޝްރޫޢަށް ފުރިހަމަ އެއްބާރުލުމެއް ދެއްވި ލ. ގަމު ކައުންސިލް، ގަމު ވިމެންސް ޑެވެލޮޕްމަންޓް ކޮމިޓީ އާއި، ކޮންޓްރެކްޓަރުން، ވޮލަންޓިއަރުން އަދި މުޖުތަމަޢުގެ މެމްބަރުންގެ އެއްބާރުލުމާއި ދެއްވި ފުރިހަމަ އެހީތެރިކަމަކީ މި އުންމީދީ މަޝްރޫޢު ހަޤީޤަތަކަށް ބަދަލުވުމުގެ އަސާސްކަން ފާހަކުރެއްވިއެވެ. މި މަޝްރޫޢަށް އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް މި ރަސްމިއްޔާތުގައި ހަނދާނީ ފިލާ އެރުވުނެވެ.
މި މަޝްރޫޢުގެ ސަބަބުން ޕަރީފެންގަނޑަ ސަރަޙައްދުގައި މާޙައުލީ ހޭލުންތެރިކަން، ތަރިކައިގެ އަގުކުރުން އަދި ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަށް ގެންދިޔުމުގެ އާ ބާބެއް ފެށުމަށް މަގުފަހިވެގެންދާނެކަމަށް މި ޖަމިއްޔާއިން ދެކެމެވެ. އަދި މި އާ ޕްލެޓްފޯމަކީ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތަކަށް، އަދި ތަރިކަ ފަތުރުވެރިކަން ކުރިއަށް ގެންދިޔުމަށް މުހިންމު މަރުކަޒަކަށް ވާނެކަމަށް މި ޖަމިއްޔާއިން އުންމީދުކުރަމެވެ.
ޕަރީ ފެންގަނޑަ ޕްލެޓްފޯމް ޕްރޮޖެކްޓްގައި ހިމެނޭ ޕްލެޓްފޯމް ބިނާކުރުމުގެ އިތުރުން ޕަރީފެންގަނޑަފަދަ ޤުދުރަތީ ތަރިކަތަކާއި އެހެނިހެން ސަޤާފީ ތަރިކަތަކުގެ މައުލޫމާތު ދޭނެ ޓުއަރގައިޑުން ތަމްރީންކުރުމުގެ ޕްރޮގްރާމެއްވެސް މި ޖަމިއްޔާއިން ވާނީ ކުރިޔަށް ގެންގޮސްފައެވެ. މި މަޝްރޫޢަކީ ލާމު އަތޮޅުގައި ހިމާޔަތްކުރެވިފައިވާ ތަންތަނަށް ތައްޔާރުކުރެވުނު މެނޭޖްމަންޓް ޕްލޭންގައިވާ ކަންތައްތައް ތަރައްޤީކުރުމަށްޓަކައި އެންދެރި ޕްރޮޖެކްޓުން ދެއްވި ސްމޯލްގްރާންޓް ފަންޑުގެ ދަށުން މި ޖަމިއްޔާއަށް ލިބުނު ފަންޑުގެ ބޭނުންކޮށްގެން ކާމިޔާބު ކަމާއެކު ނިންމި މަޝްރޫޢެކެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، އިންފޮރމޭޝަން އެންޑް އާރޓްސް އިން ހިންގި އެން.ޖީ.އޯ ލީޑަރސް ޓްރެއިނިންގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން ބައިވެރިވެ ތަމްރީން ފުރިހަމަކުރީ އެކްސްކޯ މެމްބަރ އައިމިނަތު އަނޫޒާއެވެ.
ނޭޝަނަލް ޔޫތު ކޮންފަރެންސް 2025 ގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން ބައިވެރިވީ އެކްސްކޯ މެމްބަރ އައިމިނަތު އަނޫޒާ އެވެ.
މި ދެދުވަހުގެ ޤައުމީ ކޮންފަރެންސްގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން ޒުވާނުން ބައިވެރިވެ، ޔޫތު ލީޑަރޝިޕް، ޤައުމީ ތަރައްގީ އަދި މުސްތަގުބަލުގެ ވިސްނުމާއި ގުޅޭ މުހިންމު ސެޝަންތަކާއި، މަޝްވަރާތަކާއި ބަހުސްތައް ބޭއްވިއެވެ.
ޕަރީ ފެންގަނޑަ ޕްލެޓްފޯމް ޕްރޮޖެކްޓްގައި ހިމެނޭ ޓުއަރގައިޑް ޓްރެއިނިންގ ކޯސް ނިންމި ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުނެވެ. މޯލްޑިވްސް ހެރިޓޭޖު ސޮސައިޓީ އިން މި ތަމްރީން ހިންގާފައިވަނީ ޕަރީ ފެންގަނޑަ ފަދަ ޙިމާޔަތްކުރެވޭ ޤުދުރަތީ ތަރިކަތަކާއި އެހެނިހެން ސަޤާފީ ތަރިކަތަކުގެ މައުލޫމާތު ދޭނެ ޓުއަރ ގައިޑުން އުފެއްދުމަށެވެ. އެގޮތުން މި ތަމްރީންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 11 ބައިވެރިން ވަނީ މި ތަމްރީން ފުރިހަމަކޮށްފައެވެ މިތަމްރީންގައި ސެޝަންތައް ނަގައިދީފައިވަނީ މީހުން ބިނާކުރުމުގެ ދާއިރާގައި ވަރަށް ފާހަގަކޮށްލެވޭ ހުނަރުވެރި ބޭފުޅެއްކަމުގައިވާ އަލްފާޟިލް އަޙްމަދު ނާޞިރެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓްގެ ދަށުން ހިންގާ އެންދެރި ޕްރޮޖެކްޓްގެ މާލީ އެހީތެރިކަމުގެ ދަށުން މި ޖަމިއްޔާއިން މިތަމްރީން ކުރިޔަށްގެންގޮސްފައިވަނީ ލ.ގަމު އތމ ކޮމެޓީ އަދި ގޭޖް ޓްރެއިނިންގ އިންސްޓިޓިއުޓާ ގުޅިގެންނެވެ.