ޖޯޑަންގެ ވެރިރަށް އަންމާނުގައި ބޭއްވޭ އިންޓަރނޭޝަނަލް ހެރިޓޭޖް ކޮންފަރެންސް “އިންޓު ފޭސިންގ ޗޭންޖް ޖޯޑަން 2024” ގައި މި ޖަމިއްޔާއިން ވަނީ ބައިވެރިވެފައެވެ.
މި ކޮންފަރެންސްގައި މިޖަމިއްޔާގެ ފަރާތުން ބައިވެރިވަނީ ޖަމިއްޔާގެ ރައީސް ޠާހާ އަބޫބަކުރުއެވެ. މިއީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތަރިކަ ހިމާޔަތްކުރަން މަސައްކަތްކުރާ ވަރަށް ގިނަ ފަރާތްތައް ބައިވެރިވާ މަހާސިންތާއެކެވެ.
މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއަކީ 2024 މެއި 23 އިންފެށިގެން އިންޓުގެ ކެންޑިޑޭޓް މެންބަރެކެވެ.
ތާރީޚާއި ތަރިކައާ ބެހޭގޮތުން ލ.އ.ތ.މ ގެ ގްރޭޑް 10ގެ ދަރިވަރުންނަށް މައުލޫމާތު ދިނުން. މިސެޝަންތައް ނަންގަވައިދެއްވީ މިޖަމިއްޔާގެ ރައީސް ޠާހާ އަބޫބަކުރެވެ.
ރަސްމީ ދަތުރުފުޅެއްގައި ހައްދުންމައްޗަށް ޒިޔާރަތްކުރެއްވި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު އޮނަރަބަލް ޠާރިޤް އިބްރާހިމް މިއަދު ގަމުގެ ތަރިކަތަކަށް ޒިޔާރަތްކުރެއްވިއެވެ.
މި ޒިޔާރަތުގައި ގަމުގެ މުހިންމު ތަރިކައެއް ކަމުގައިވާ ޕަރީފެންގަނޑު ބައްލަވާލައްވައި ޕަރީފެންގަނޑާއި ހަތްތެލި ގުޅުވައިދޭ ތަރިކަމަގު ބައްލަވާލެއްވިއެވެ.
ވަޒީރު ޒިޔާރަތްކުރެއްވުމުން މި ޖަމިއްޔާގެ ފަރާތުން މިތަންތަނާ ބެހޭ ތާރީޚީ މަޢުލޫމާތާއި ޕަރީފެންގަނޑަ ސަރަޙައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޕްލެޓްފޯމްގެ ކޮންސެޕްޓާ ބެހޭގޮތުން ވަޒީރަށް މަޢުލޫމާތު އަރުވާފައިވާނެއެވެ.
ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށް ހުޅުވާލި ސްމޯލްގްރާންޓަށް މިޖަމިއްޔާއިން ހުށައެޅި ޕްރޮޕޯސަލް ކާމިޔާބުވުމާ ގުޅިގެން މިޖަމިއްޔާއަށް ސްމޯލް ގްރާންޓް ލިބުނުކަމުގެ ލިޔުން ޙަވާލުކުރައްވައިފިއެވެ.
ގްރާންޓް ހަވާލުކުރިކަމުގެ ލިޔުން ދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރެވެ.
ޖަމިއްޔާއިން ހުށައަޅާފައިވާ ޕްރޮޕޯސަލަކީ ހައްދުންމަތީ ގަމުގައިވާ ޠަބީޢީ ތަރިކައެއްކަމުގައިވާ ބޮޑަފެންގަނޑަ ނުވަތަ މަޝްހޫރު ނަމުންނަމަ “ޕަރީފެންގަނޑަ” ބަލައިލަން ތިބެވޭކަހަލަ ޕްލެޓްފޯމެއް ހެދުމެވެ. މިމަޝްރޫޢުގެ ދަށުން ޓުއަރގައިޑުން ތަމްރީނުކުރުމުގެ މަސައްކަތްވެސް މި ޖަމިއްޔާއިން ކުރުމަށްވަނީ ހަމަޖެހިފައެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި މަދަނީ ޖަމްޢިއްޔާތަކާއި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެންދެރި މަޝްރޫޢުން ދޫކުރާ ސްމޯލް ގްރާންޓްސް ގެ ދެވަނަ ބުރަށް މި ޖަމިއްޔާ ފިޔަވައި އިތުރު 2 ޖަމިއްޔާއަކަށްވެސް މިއަދު ގްރާންޓް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރެވުނެވެ.
އިންޓަރނޭޝަނަލް ހެރިޓޭޖް ޓްރަސްޓް އޯގަނައިޒޭޝަނުން އޮކްސްފޯޑް ހެރިޓޭޖް އެސޯސިއޭޓްސް އާ ގުޅިގެން ހިންގި ހެރިޓޭޖް ލީޑަރސް ކޯސް މިޖަމިއްޔާގެ ރައީސް ފުރިހަމަކުރައްވައިފިއެވެ.
މިއީ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިވެގެންދާނެކަމަށް ދެކެމެވެ. މިފުރުޞަތު ފަހިކޮށް ދެއްވީތީ އަޅުގަނޑުމެން އެ އޯގަނައިޒޭޝަން އާ އެކު އިއްތިހާދުވެގެން މަސައްކަތްކުރަމުންދާ ބައިނަލްއަޤްވާމީ މުއައްސަސާއެއްކަމުގައިވާ އިންޓުގެ ލީޑަރޝިޕަށް ޝުކުރު ދަންނަވަމެވެ.
މިނިސްޓްރީއޮފް އިސްލާމިކް އެފެއާރޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދެވޭ ދީނީ، އަދި އިޖްތިމާއީ ޖަމްއިއްޔާތަކުގެ މަހާސިންތާ 2024ގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ވަނީ ބައިވެރިވެފައެވެ.
ތާރީޚާއި ތަރިކައާ ބެހޭގޮތުން ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މި މަހުގައި ކުރިޔަށް ގެންދެވުނެވެ. މިއީ އެކުދިންގެ މައިދާނީ ދަތުރެއްގައި ލާމު އަތޮޅަށް ޒިޔާރަތްކުރުމުން އެ ސްކޫލްގެ އެދިލެއްވުމަށް ހިންގުނު ސެޝަންތަކެެކެވެ.
މަޝްހޫރު ފުޓުބޯޅަ ތަރި ޖޭ-ޖޭ އޮކޯޗާއަށް އަށް ގަމުގައި އޮންނަ މަޝްހޫރު ޕަރީފެންގަނޑާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް މިޖަމިއްޔާއިން މިއަދު ކުރިޔަށް ގެންދެވުނެވެ. މިއީ އޫރީދޫ މޯލްޑިވްސް އާއި ލ.އަތޮޅު ކައުންސިލާއި، ލ.ގަމު ކައުންސިލާއި ސިކްސް ސެންސަސް ލާމު ރިޒޯޓް ގުޅިގެން އިންތިޒާމުކޮށްފައިވާ އޫރީދޫ ފަންރަން އާ ގުޅިގެން ހިންގުނު ހަރަކާތެކެވެ.
ގަމުގެ ޠަބީޢީ ތަރިކަ އާއި ޘަޤާފީ ތަރިކަ ގުޅުވަައިލުމަށް ލ.ގަމުގައި ހަދަމުންގެންދާ “ތަރިކަމަގު” ގައި އިންދުމަށް ތަފާތު ގަސްތައް ހަދިޔާކޮށްދެއްވައި މިކަމުގައި ވަރަށް ފުރިހަމަ އަށް ބައިވެރިވެ ދެއްވީތީ އަލްފާޟިލް ޒަކަރިއްޔާ މޫސާއަށް ޝުކުރު ދަންނަވަމެވެ. ހައްދުންމަތީ ގާދޫ ބޮޑު ކަތީބުކަމާއި ކުޑަ ކަތީބުކަން ދިގުމުއްދަތަކަށް ކުރެއްވި ޚިދުމަތްތެރިއެއްގެ ހައިސިއްޔަތުން މިމަގުގައި އޭނާ އިންދަވައިދެއްވާފައިވަނީ ރީތި ގަހެކެވެ.
ތަރިކަމަގު މަޝްރޫޢަކީ ލ.އަތޮޅު ކައުންސިލާއި ސިކްސް ސެންސަސް ލާމުގެ ސަސްޓެއިނަބިލިޓީ ފަންޑުގެ މާލީ އެހީތެރިކަމާއި ލ.ގަމުކައުންސިލްގެ އެހީތެރިކަމާ އެއްބާރުލުމާއެކު މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި އައުޓްރީފް ސްޕޯޓްސް ކްލަބު ގުޅިގެން ހިންގާ މަޝްރޫޢެކެވެ.
ގަސް އިންދުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށާއި ގަސް ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން މަރުހަބާ ދަންނަވަމުއެވެ.